ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބު އަލުން ހޯދަން، އިތުރު 10 އަހަރެއް ނުނަގާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ބަންގުލަދޭޝްގައި، ނިމިގެން ދިޔަ ސާފް ސުޒުކީ ކަޕުގައި ޗެމްޕިއަންކަން ރާއްޖެ ހޯދުމުން، ޓީމާއެކު އުފާފާޅު ކުރުމަށް ބަންގުބަންދު ސްޓޭޑިއަމްގައި ހުންނަވައި، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ، މިފަހަރުގެ ސްކޮޑުގައި ހިމެނެނީ ޒުވާން ސްކޮޑެއް ކަމަށާއި، މުބާރާތުން އޭނާ ހާސިލު ކުރަން ބޭނުންވީ ޒުވާން ޓީމެއް ބިނާ ކުރުން ކަމަށެވެ.
"އަޅުގަނޑުމެން ހީނުކުރާހާ ފާޑު ކިޔުން އަޅުގަނޑުމެންނަށް އަމާޒުވި، ނަމަވެސް އެކީ ފާޑު ކިޔުންތަކުން އަޅުގަނޑުމެންގެ ކުޅުންތެރިން ނެގީ ހިތްވަރެއްގެ ގޮތުގައި، އެ މަސައްކަތް ފެނިގެން މިދިޔަ، އިރާދަ ކުރެއްވިއްޔާ މި މުބާރާތް ކާމިޔާބު ވެގެން ދިޔައީ،" ބައްސާމް ވިދާޅުވި އެވެ.
މުބާރާތުގެ ކުރިން، އެފްއޭއެމުން ބުނީ މުބާރާތް ކާމިޔާބު ކުރުން ލާޒިމު ނޫން ކަމަށާއި މުބާރާތުގައި ބޭނުން ހިފާނީ ގައުމީ ޓީމުގެ އާ ޖީލު ބިނާ ކުރުމަށް ކަމަށެވެ.
"ބައެއް ފަރާތްތަކުން ހީކޮށްފާނެ އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕްލޭނެއް ނެތޭ، ނޫން އަޅުގަނޑުމެން މިދަނީ ޕްލޭނާ އެއްގޮތަށް، އަޅުގަނޑުމެން ބުނަމުން މި އަންނަނީ އާ ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތު ދޭން ޖެހޭ، އަޅުގަނޑުމެންގެ ގައުމީ ޓީމު ވަރަށް ޒުވާން ވާން އެބަަޖެހޭ، އިރާދކުރެއްވިއްޔ އަޅުގަނޑުމެންގެ ޓީމު މިއީ،"
"މިއީ ރާއްޖެއިން މި މުބާރާތް ކާމިޔާބު ކުރި އެންމެ ޒުވާން ޓީމު، މި ޓީމުގެ އެވްރެޖް އުމުރަކީ 23 އަހަރު، މިއީ ވަރަށް ޒުވާން ޓީމެއް، ބުނެވިދާނެ 23 އަހަރުން ދަށުގެ ގައުމީ ޓީމު."
"އަޅުގަނޑުމެން އައީ ތަށި ހޯދުމުގެ ނިޔަތުގައެއް ނޫން، ޒުވާން ޖީލެއް ބިނާ ކުރުން އަޅުގަނޑުމެންގެ ބޭނުމަކަށްވީ، އިރާދަ ކުރެއްވިއްޔާ ވަރަށް ޒުވާން ޓީމެއް ބިނާ ކުރެވިގެންދާނެ، މިއީ އެކަމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް."
ސާފް ސުޒުކީ ކަޕުގެ، ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ފައިނަލުގައި ވަރުގަދަ އިންޑިއާ 2-1 ން ބަލި ކުރުމަށް ފަހު އެވެ. ރާއްޖޭގެ ލަނޑުތައް ކާމިޔާބު ކުރީ އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އާއި އަލީ ފާސިރު 'ސެންޓޭ' އެވެ.