ސާފް ސުޒުކީ ކަޕް

ޕާކިސްތާން މޮޅުވެ، ސެމީއަަށް

ގުރޫޕް "އޭ" ގައި ޕާކިސްތާން ކުޅުނު ފަހު މެޗުގައި، ބޫޓާންގެ މައްޗަށް 3-0 ން ކާމިޔާބު ހޯދައި ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކުޅުނު ތިން މެޗުން ވެސް ބަލި ވުމާއެކު، ބޫޓާނަށް ވަނީ މުބާރާތް ނިމިފަ އެވެ.

ޕާކިސްތާންގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ރިއާޒް އެވެ. ސައްދާމް ހުސައިން ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލްގެ އަރިމަތިން ބޫޓާންގެ ކީޕަރު ހުރި ދިމާލަށް ގޯލްގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލީ ވަރަށް ބަލާލުމަށް ފަހު އެވެ.

އޭގެ ކުރިން ހަސަން ބާޝިރުއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޕާކިސްތާނުން ނެގި ހުރަހެއްގައި، ބާޝިރު ބޮލުން ފޮނުވާލުމުން ބޫޓާންގެ ކީޕަރު ނަގަވަންގު ޖަމްޕަލް ވަނީ ވެއްޓިގެންފައި ކޯނަރަކަށް ބޯޅަ ބޭރު ކޮށްލާފަ އެވެ.

މިއަދުގެ މެޗުގައިވެސް، ޑެންމާކުގެ ދެ ވަނަ ޑިވިޝަނަށް ކުޅެމުން ގެންދާ ޕާޚިސްތާޏްގެ މުހައްމަދު އަލީ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ޕާކިސްތާންގެ ދެ ވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި، ހަސަން ބާޝިރު ކާމިޔާބު ކުރީ، މުހައްމަދު އަލީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މުހައްމަދު އަލީ ބޯޅަ ދިން އިރު ބާޝިރު ހުރީ، ބޫޓާންގެ ދެ ޑިފެންޑަރުންގެ ދެމެދުގަ އެވެ. ބޫޓާންގެ ޑިފެންޑަރުން އޮފްސައިޑް މަޅީގައި ބާޝިރު ޖައްސަން އުޅުނު ނަމަވެސް އޭނާ އޭރިއާގެ ރޮނގުމަތީގައި ހުރެފައި ދައްފައިން ޖަހައި ބޯޅަ ފޮނުވާލާފަ އެވެ.

ދެ ވަނަ ހާފުގައި ބޫޓާންގެ ޗެންޗޯ ވަނީ ޕާކިސްތާންގެ ގޯލައާ އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާލާފަ އެވެ. އޭނާ ފޮނުވާލި ބޯޅަ، ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.

ޕާކިސްތާންގެ ތިން ވަނަ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސް ކޮށްދިނީވެސް މުހައްމަދު އަލީ އެވެ. މެޗުގެ 91 ވަނަ މިނެޓްގައި މުހައްމަދު އަލީ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފަހީމް އަހްމަދު ވަނީ ގޯލްގެ ކަނަށް ބޯޅަ ވައްދާލާފަ އެވެ.