ސާފް ސުޒުކީ ކަޕް

ޒަމާންވީ ދެ ވާދަވެރިން ވަރުގަދަ ކުރިމަތިލުމަކަށް!

އޯގަސްޓް 1947 ގައި، އިންޑިއާއިން ވަކިވެ، ޕާކިސްތާންގެ ދައުލަތް އުފެއްދި އެވެ. އެ ދައުލަތުގައި އޭރު ހިމެނެނީ އުރުދޫ ބަހުގެ އަހުލުވެރިންނާ، ބަނގަލާ ނުވަތަ ބަންގާޅު ބަހުން ވާހަކަ ދައްކާ އަހުލުވެރިންނެވެ. މާޗް 1971 ވަނަ އަހަރާ ހަމަޔަށް ޕާކިސްތާން އެގޮތުގައި އޮތެވެ. ނަމަވެސް ބަންގާޅު ބަހުގެ އަހުލުވެރިން، ބަންގުލަދޭޝްގެ ނަމުގައި ވަކި ގައުމެއް އުފެއްދި އެވެ. އެއްބައެއްގެ ގޮތުގައި އޮވެ، ދެބައި މީހުން ވަކިވެގެން ދިއުމުން ދެ ގައުމު ދެ މެދުގައި ވާދަވެރިކަން އުފެދިގެން ދިޔަ އެވެ.

ސާފް ސުޒުކީ ކަޕުގައި، މިއަދު ކުޅޭ މެޗު ވެގެންދާނީ، އެ ދެ ވާދަވެރިންގެ ކަރިމަތި ލުމަށެވެ. ޕާކިސްތާނާއި ބަނގުލަދޭޝް، ވާދަވެރި ކުރިމަތި ލުމަކަށް މި ނިކުންނަނީ ފަސް އަހަރު ފަހުންނެވެ. އެންމެ ފަހުން ޕާކިސްތާނާ ބަނގުލަދޭޝް ވާދަ ކުރީ، ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައެވެ. ގުރޫޕް "އޭ" ގެ ފަހު މެޗުގައި ބަންގުލަދޭޝްގެ މައްޗަށް ޕާކިސްތާން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މިފަހަރުގެ މުބާރާތުގައި ދެ ޓީމުވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައި ވުމުން، މިއަދު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލު ގާތްގަނޑަކަށް ޔަގީން ވާނެ އެވެ. ނުވަތަ މިއަދުގެ ފުރަތަމަ މެޗުގައި، ނޭޕާލާއި ބޫޓާން ކުޅޭ މެޗު އެއްވަރުގެން ނިމިއްޖެނަމަ، ބަނގުލަދޭޝް އާއި ޕާކިސްތާން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުގެ ޖާގަ ޔަގީން ވާނެ އެވެ.

މިއަދުގެ މެޗާ ބެހޭގޮތުން، ބަންގުލަދޭޝްގެ ކޯޗު ޖެމީ ޑޭ ބުނީ، ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ވަރުގަދަ ކުރިމަތިލުމަކަށް ކަމަށެވެ.

"މެޗު ވެގެންދާނީ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭ ވަދަވެރި މެޗަކަށް، އެ ޓީމުގައި އެބަތިބި ޔޫރަޕްގައި ކުޅޭ ވަރަށް މޮޅު ކުޅުންތެރިންވެސް،" ޕާކިސްތާން މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ޖެމީ ޑޭ ބުންޏެވެ. "ފިޒިކަލީވެސް އެ ޓީމަކީ ވަރަށް ރަނގަޅު ޓީމެއް، ފުރަތަމަ މެޗު ކާމިޔާބު ކޮށް އެ ޓީމަށް ވަނީ (މިއަދު) ގެ މެޗަށް ވަރަށް ބޮޑު ހިތްވަރެއް ލިބިފައި."

އޭނާ ބުނީ ޕާކިސްތާނާ ދެކޮޅަށް ތިން ޕޮއިންޓް ހޯދަން ބޭނުންނަމަ، ބަންގުލަދޭޝް ޓީމުގެ އެންމެ މަތީ ފެންވަރުގައި ކުޅެންޖެހޭ ކަމަށެވެ. އެ ފެންވަރު ނުހިފެހެއްޓޭނަމަ ބަންގުލަދޭޝްއަށް ދެރަ ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޑޭ ބުންޏެވެ.

ޕާކިސްތާންގެ ކޯޗް، ބްރެޒިލްގެ ހޯޒޭ އެންޓޯނިއޯ ނޮގެއިރާ ބުނީ، މުބާރާތް ބާއްވާ ގައުމުގެ ޓީމާ ދެކޮޅަށް ކުޅެން އަބަދުވެސް އުނދަގޫ ވާނެ ކަމަށެވެ. އޭނާ ބުނީ މެޗަށް ނިކުންނާނީ، ފުރަތަމަ މެޗުން ލިބުނު ހިތްވަރާއެކު މެޗު ކާމިޔާބު ކުރަން ކަމަށެވެ.

"މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް އުނދަގޫ ކަމެއް، ބަންގުލަދޭޝްއިން ވަނީ ސާބިތުކޮށް ދީފައި އެ ޓީމަކީ ވަރުގަދަ ޓީމެއްކަން،" ނޮގެއިރާ ބުންޏެވެ. "މި މެޗަކީ ދެ ޓީމަށްވެސް މޮޅުވުން މަޖުބޫރު މެޗެއް، އެއީ ކޮންމެ ޓީމެއް މޮޅުވިޔަސް ސެމީގެ ޖާގަ ގާތްގަނޑަކަށް ޔަގީން ވާނެ، އެހެންވީމާ އަހަރެމެން މެޗަށް ނިކުންނާނީ ސީދާ ތިން ޕޮއިންޓަށް އަމާޒު ކޮށްގެން."

ބަންގުލަދޭޝް އާއި ޕާކިސްތާން ކުޅޭ މެޗު ފަށާނީ، ރާއްޖޭ ގަޑިން މިއަދު ހަވީރު 6:00 ގަ އެވެ.