މެޗުގެ ފަހު ކޮޅު ޕާކިސްތާން ކޮޅަށް ޖެހި ލަނޑުން، 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މުބާރާތުގެ ސެމީ ފައިނާލާ ގާތަށް ބަންގުލަދޭޝް ޖެހިލައިފި އެވެ.
ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުން، މޮޅު ވެފައި ވުމާއެކު، ދެ ޓީމުވެސް މެޗަށް ނިކުތީީ އާ ރޫހެއްގަ އެވެ. ނަމަވެސް ޕާކިސްތާނަށް ވުރެ ރަނގަޅަށް ކުޅުނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުން ދިޔަ ބަންގުލަދޭޝް ޓީމުންނެވެ.
ޕާކިސްތާނަށް ވުރެ، ގިނަ ހަމަލާތައްވެސް އުފެއްދީ ބަންގުލަދޭޝްއިންނެވެ. މެޗުގެ ކުރިން ޕާކިސްތާންގެ ކޯޗް ހޯޒޭ އެންޓޯނިއޯ ނޮގެއިރާ ބުނީ، މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅެން އަބަދުވެސް އުނދަގޫ ވާނެ ކަމަށެވެ.
ފިޒިކަލީ ވަރުގަދަ ގޭމެއް ކުޅޭ ދެ ޓީމު ޖެހުމުން، މެޗުގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. އަދި ޕާކިސްތާނާއި ބަންގުލަދޭޝްއަކީ ސަރަހައްދުގައިވެސް ވާދަވެރި ދެ ގައުމު ކަމަށް ވުމުން މެޗުގައި އެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ.
މެޗުގެ 85 ވަނަ މިނެޓްގައި، ބަންގުލަދޭޝްގެ ލަނޑު ކާމިޔާބު ކުރީ ޑިފެންޑަރު ޓޮޕޫ ބާމަން އެވެ. ޕާކިސްތާން ކޮޅަށް ލަނޑު ޖެހުމަށް ފަހު، އޭނާ ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ.
ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއް ވަނައިގައި އޮތީ، ބަންގުލަދޭޝް އެވެ. ގުރޫޕްގެ ދެ ވަނައިގައި އޮތީ، މިއަދު ބޫޓާންގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކުރި ހޯދި ނޭޕާލެވެ. ޕާކިސްތާނާއި ނޭޕާލަށްވެސް ޕޮއިންޓް ލިބިފައި ވަނީ އެއް ވަރަކަށެވެ. ނަމަވެސް ނޭޕާލަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
ގުރޫޕް އޭ ގައި ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު، އެންމެ ކުރީގައި އޮތް ތިން ޓީމަށްވެސް އެބައޮތެވެ. ގުރޫޕް އޭ ގެ ފަހު މެޗުގައި، ޕާކިސްތާން ވާދަ ކުރާނީ، މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ގާތްގަނޑަކަށް ބަންދުވެފައިވާ ބޫޓާން އާ އެވެ. ބަންގުލަދޭޝްއަށް އޮތީ އުނދަގޫ ޓެސްޓެކެވެ. އެ ޓީމު ވާދަ ކުރާނީ ނޭޕާލާ އެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ގުރޫޕް ބީ ގައި، ދިވެހިރާއްޖެ އާއި ސްރީލަންކާ އެވެ. އެ މެޗު ފަށާނީ ރާއްޖޭގަޑިން މާދަމާ ހަވީރު 6:00 ގަ އެވެ.