ސާފް ސުޒުކީ ކަޕް

ޕާކިސްތާންގެ މޮޅު ކުޅުންތެރިޔާއަށް ބަންގާޅުން ވިސާ ނުދިން

ޑެންމާކުގެ އެއް ވަނަ ޑިވިޝަންގައި ކުޅެމުންގެންދާ ޕާކިސްތާން ފޯވަޑް އަދުނާން މުހައްމަދަށް ބަންގުލަދޭޝްއިން ވިސާ ނުދިން މައްސަލަ ފެންމަތި ވެއްޖެ އެވެ.

ޑެންމާކުގެ ލިންގްބީ ބޯލްޑް ކުލަބަށް، ކުޅެމުންގެންދާ އަދުނާންއަށް ވިސާ ނުލިބޭނެކަން ޔަގީންވީ މިއަދު އެވެ. ގުރޫޕް އޭ ގައި ޕާކިސްތާނާއި ބަންގުލަދޭޝް ކުޅޭ މެޗު މާދަމާ އޮންނާނެ އެވެ. އަދުނާންއަށް ފުރުސަތު ނުލިބުމުން، ޕާކިސްތާންގެ ޓީމުގެ އޮފިޝަލުން ވާނީ، މުބާރާތް އިންތިޒާމު ކުރާ ބަންގުލަދޭޝްގެ ކޮމިޓީއާ ވާހަކަ ދައްކައިގެން އޭނާއަށް ވިސާ ހޯދައިދިނުމަށް މަސައްކަތް ކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ، މިހާތަނަށް ގައުމީ ޓީމަށް ކުޅެފަ އެއް ނުވެ އެވެ. ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންނަށް ޕާކިސްތާންގެ މިހާރުގެ ކޯޗް ބްރެޒިލްގެ ހޯޒޭ އެންޓޯނިއޯ ނޮގެއިރާ ދައުވަތު ދިނުމުން، ޕާކިސްތާންގެ ގައުމީ ޓީމަށް ކުޅޭނެ ކަމަށް އަދުނާންވެސް ވަނީ ބުނެފަ އެވެ. ޖުލައި މަހު، ޕާކިސްތާންގެ ފުޓްބޯޅަ ފެޑްރޭޝަނުން ބުނެފައި ވަނީ، ޕާކިސްތާންގެ ޓީމާ އަދުނާން ގުޅޭނީ މުބާރާތް ފެށެން ކައިރިވުމުން ކަމަށެވެ. ނަމަވެސް މިހާރު ވީގޮތުން އޭނާ ބަންގުލަދޭޝްއަށް ދަތުރު ނުކުރާނެ އެވެ.

ޕާކިސްތާންގެ ޓީމަށް މިދިޔަ މަހު ވެސް ވަނީ ވިސާގެ މައްސަލަ ކުރިމަތި ވެފަ އެވެ. މުބާރާތުގެ ކުރިން ރާއްޖެއާ ދެކޮޅަށް ގަތަރުގައި ކުޅެން ހަމަޖެހިފައިވާ މެޗު ކަންސަލް ކުރީވެސް ޕާކިސްތާނަށް ވިސާގެ މައްސަލަ ދިމާވުމުންނެވެ.

ޕާކިސްތާންގެ ކޯޗް ނޮގެއިރާ ބުނީ، ސާފް ސުޒުކީ ކަޕަށް ދިއުމަށްވެސް ޕާކިސްތާނުން ވަރަށް ކުރިން ވިސާއަށް އެދުނު ނަމަވެސް އެކަން ހަމަޖެހުނީ މުބާރާތް ފެށެން ވަރަށް ކައިރިވެފައި ވަނިކޮށް ކަމަށެވެ.

ޕާކިސްތާނާއި ބަންގުލަދޭޝް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މާދަމާ ހަވީރު 6:00 ގަ އެވެ. ދެ ޓީމު ކުޅުނު ފުރަތަމަ މެޗުވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި، އެ ޓީމު ވަނީ ނޭޕާލްގެ މައްޗަށް 2-1 ން މެޗުގެ އެންމެ ފަހު ވަގުތުގައި ކުރި ހޯދާފަ އެވެ. ބަންގުލަދޭޝް ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ، 2-0 ން ނެވެ.