ހަބަރު

ޝޯން ޕޯލްގެ ޝޯ ކެންސަލްކުރުމުގެ ހިޔާލެއް ނެތް: ޗޮޕްއާޓް

ހައްދުފަހަނަޅާފައިވާ ދީނީ ގްރޫޕަކުން ކަމަށް ބެލެވޭ ބަޔަކު އިންޒާރު ދިނަސް ޝޯން ޕޯލްގެ ޝޯ ކެންސަލްކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް މި އިވެންޓް އިންތިޒާމްކުރާ ޗޮޕްއާޓްގެ ޑައިރެކްޓަ މިހުސޯ އަބްދުސައްތާރު ވިދާޅުވެއްޖެ އެވެ.

ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިންގެ ގްރޫޕެއް ކަމަށް ބެލެވޭ "ބިލާދުއްޝާމް" ގެ ލޯގޯގައި ޝޯން ޕޯލް އަށް މަރުގެ އިންޒާރު ދީފައިވާ ވީޑިއޯ މެސެޖެއް ޔޫޓިއުބުގައި އާންމުކޮށްފައި ވަނީ މިއަދު ހެނދުނު އެވެ. މި މައްސަލަ ރަސްމީ ހުރިހާ ފަރާތްތަކަށް ޗޮޕްއާޓުން ހުށަހަޅާފައިވާއިރު ފުލުހުން ވެސް ދަނީ މި މައްސަލަ ބަލަމުންނެވެ.

އާންމުކޮށްފައިވާ ވީޑިއޯ މެސެޖުގައި ޝޯލް ޕޯލް މަރާލާނެ ކަމުގެ އިންޒާރު ދީފައި ވަނީ ފޮތިގަނޑަކުން މުޅި ހަށިގަނޑު ނިވާކޮށްގެން ހުރި މީހަކު ކެމެރާ އަށް ދައްކަމުން ދިޔަ ލިޔެކިޔުންތަކަކުންނެވެ. އެ ލިޔުންތަކުގައި ބުނެފައި ވަނީ "ޝޯން ޕޯލް ދިވެހި ރާއްޖެ އަތުވެއްޖެ ނަމަ ދެން ފެނިގެންދާނީ ތިބާގެ ފުރާނައެއް ނެތް މަސްގަނޑާއި ލެއިން ފޯވެ އަނދާފައިވާ މަސްގަނޑު" ކަމަށެވެ.

މިފަދަ އިންޒާރުތަކާ އެކު މި ވީޑިއޯ ދެ މިނެޓް ފަހަނަޅައިދާއިރު، ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ކަޅުކުލައިގެ ފޮތިގަނޑެއް ވެސް ފަހަތުން ފެނެ އެވެ. އަދި ބަޔަކު މީހުން "ﷲއަކުބަރު" ގޮވާ އަޑު ވެސް އިވެ އެވެ.

ބިލާދުއްޝާމަކީ ސީރިއާގެ އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އަލް ނުސްރާ ފްރަންޓުގެ މީޑިއާ ގޮއްޕެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި ޖަމާއަތުގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިންގެ އަދަދު ވިއްސަށް އަރަ އެވެ. ސީރިއާގެ ހަނގުރާމާގައި ބައެއް މީހުން މަރުވެފައިވާކަން ވެސް އިއުލާނުކޮށްފައިވެ އެވެ.

ޔޫޓިއުބު މެދުވެރިކޮށް ޝޯން ޕޯލްގެ ޝޯ އަށް ބިލާދުއްޝާމު ކަމަށް ބެލެވޭ ބަޔަކު އިންޒާރު ދިނަސް މިއީ ސީދާ އެމީހުން ކޮށްގެން އުޅޭ ކަމެއް ކަމަކަށް އަދި ނުބެލެވެ އެވެ. އެމީހުންގެ ރަސްމީ ޓްވިޓާގައި ވެސް މިފަދަ އިންޒާރެއް މިހާތަނަށް އާންމުކޮށްފައި ނުވާކަން ފާހަގަކޮށްލެވެ އެވެ. ބިލާދުއްޝާމަކީ އެމީހުންގެ މިފަދަ އިންޒާރުތައް އެންމެ ފުރަތަމަ ވެސް ޓްވިޓާ މެދުވެރިކޮށް ދޭ ބައެކެވެ.

މި ސަބަބާ ގުޅިގެން ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ ގަލޮޅު ރަސްމީ ދަނޑުގައި މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޝޯ "ފަނިކޮށްލުމަށް" ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަމަށް ވެސް ގަބޫލުކުރެވޭ ކަމަށެވެ. 

އިންޒާރާ ގުޅިގެން ޝޯގެ އެއްވެސް ކަމެއް މަޑުޖެހިފައިވާތޯ ސުވާލު ކުރުމުން މިހުސޯ ވިދާޅުވީ ޝޯގެ ކަންތައްތައް ކުރިއަށް ދަނީ ވަރަށް ވެސް ރަނގަޅަށް ވަރަށް ވެސް ބާރަށް ކަމަށެވެ. އޭނާ ވިދާޅުވީ ޝޯއާ ގުޅުވައިގެން އާންމުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށް ބަޔަކު މީހުން މަސައްކަތްކުރިޔަސް މި ޝޯ ވެގެންދާނީ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަކޮށްގެން ރާއްޖޭގައި ބާއްވާ ޝޯއަށް ކަމަށެވެ.

ޗޮޕްއާޓްގެ މި އިވެންޓްގެ ސަލާމަތީ ކަންތައް ބަލަހައްޓަނީ ސިފައިންނާއި ފުލުހުންނެވެ. ދަނޑަށް ވަންނަ އެންމެން ވެސް މެޓަލް ޑިޓެކްޓާ މެދުވެރިކޮށް ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޝޯލް ޕޯލްގެ ޝޯ އަކީ އާންމުންނަށް ހުޅުވާލައިގެން ހިލޭ ވަދެވޭ ގޮތަށް ކުރިއަށް ގެންދާ ޝޯ އެކެވެ. މި ޝޯގައި ހަވާ އެރުވުމުގެ ކުޅިވަރުތަކެއް ވެސް ހިމެނެ އެވެ.