މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިއަދު ދިވެހި ސިފައިންގެ ކްލަބް އަތުން ފަހަތުން އަރައި 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ޖެހިޖެހިގެން ދެވަނަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މެޗުގެ ފުރަަތަަމަ ހާފުގައި ސިފައިންގެ ކްލަބް އިން ލީޑު ނަގާފައި ވަނިކޮށް، ނިއު މެޗުން މޮޅުވީ ދެވަނަ ހާފުގައި އެ ޓީމުގެ އިންޑިއާ ފޯވަޑް ބާލަ ދޭވީ ޖެހި ހަތަރު ލަނޑުންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ދިހަ ވަނަ މިނިޓުގައި ސިފައިންގެ ކްލަބް އިން ލީޑު ނެގީ ބަންގްލަދޭޝްގެ ފޯވަޑް ސަބީނާ ކަތުން ޖެހި ލަނޑުންނެވެ.
ފުރަތަމަ ހާފުގައި ނިއު އިންޑިއާ ދެ ފޯވަޑުން ކަމަށްވާ ބަމްބަމް ދޭވީ އާއި ބާލަ ދޭވީ ވަނީ ސިފައިންގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ނިއުގެ ގިނަ ހަމަލާތައް ސިފައިންގެ ކްލަބްގެ ގޯލްކީޕަރު ދިފާއުކުރިއިރު، ފުރަތަމަ ހާފުގައި ނިއު އަށް ލިބުނު ޕެނަލްޓީ ބާލަ އަށް ކާމިޔާބެއް ނުކުރެވުނެވެ. ބާލަ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ 49 ވަނަ މިނިޓުގައި ނިއު އަށް ބާލަ ވަނީ ސިފައިންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުންކޮށް، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި އޭގެ ހަ މިނިޓު ފަހުން ބާލަ ވަނީ ނިއުގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. ދެވަނަ ހާފުގައި ބާކީ އޮތް ބައިގައި ބާލަ ވަނީ އިތުުރު ދެ ލަނޑު ޖަހައި، ތަފާތު ބޮޑުކޮށްފަ އެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށާއި މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް އަދި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމަށް ހޮވުނީ ނިއުގެ ބާލަ އެވެ. މުބާރުގެ ގަދަ ފަސް ދިވެހި ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ނިއުގެ ފަދުވާ ޒާހިރާއި އެ ޓީމުގެ އައިމިނަތު ޝާމިލާ އާއި މަރިޔަމް މިރުފަތާއި ސިފައިންގެ ކްލަބުގެ މަރިޔަމް މިރުފަތާއި އައިމިނަތު ޒާހިރާ އަދި މަރިޔަމް ރިފާ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ސްޓާގެ މަރިޔަމް ނޫރާ ހޮވުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކީ ނިއުގެ ޝަތުރާ އެވެ. ފެއާ ޕްލޭ ޓީމަކީ ސްޓާ އެވެ.