ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނަ ސިއްހީ މަރުކަޒެއްގައި ލެބޯޓަރީއެއް ގާއިމް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވައުދުވެވަޑައިގެންފި އެވެ.
މޮޅަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި އިމާރާތެއް ހަދައި ޑޮކްޓަރަކު ހަމަޖެއްސި ނަމަވެސް އެކަން އެންމެ އެކަށިގެންވާ ގޮތެއްގައި ނުކުރެވޭނެ ކަމަށެވެ.
"ޑޮކްޓަރުން ބޭނުންވާ ބޭސް ލިބި ޓެސްޓްތައް ހަދަން އެބަ ޖެހޭ، އެހެން ނޫނިއްޔާ އެކަން ރަނގަޅަކަށެއް ރައްޔިތުންނަށް ފޯރުކޮށެއް ނުދެވޭނެ، އަޅުގަނޑުމެން މި ވައުދުވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުންނަ ސިއްހީ މަރުކަޒެއްގައި ކުޑަ ނަމަވެސް ޓެސްޓްތައް ހެދޭ ލެބޯޓަރީއެއް ގާއިމް ކޮށްދޭނަން، އެއީ ހުރިހާ ރަށަކަށް ފޯރުކޮށްދޭނެ އެހީތެރިކަމެއް، މިރަށުގެ ސިއްހީ މަރުކަޒުގައިވެސް ލެބޯޓަރީއެއް ހުންނާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، މޮޅާދޫގައި އަސާސީ ހިދުމަތްތަކުގެ ފެންވަރުދަށް ކަމަށާއި އެގޮތުން ނަރުދަމާއާ ސާފު ފެނާއި ލަފާ ފުރުމުގެ ދަތިކަން އިންތިހާއަށް ބޮޑު ކަމަށެވެ. ނަރުދަމާއާ ފެނާއި ބަނދަރު ގާއިމް ކޮށްދިނުމަކީ ވާ ވައުދެއްގެ ގޮތުގައި ކޮށްދޭ ކަންކަން ނޫން ކަމަށާއި އެކަންކަން ދެކެނީ ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މިރަށު [މޮޅަދޫ]ގެ ބަނދަރު އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ އަހަރު ހެދިގެންދާނެ، ފެނާ ނަރުދަމާ އަކީ ކުރިންވެސް ދެންނެވި ފަދައިން ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ކަމެއް، އެގޮތުން މިރަށަށްވެސް ބޭނުންވާ އެހިދުމަތްތައް ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީއަކީ މުޅި ރާއްޖެއަށް ފަތުރަން ބޭނުންވާ އިންޑަސްޓްރީއެއް ކަމަށާއި އޭގެން ލިބެން ޖެހޭ މަންފާއާ ފައިދާ ހުރިހާ ރައްޔިތުންނަށްވެސް ލިބެން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާ ލިބިގެންދަނީ ލޯކަލް ޓޫރިޒަމުން ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"މިރަށުގައިވެސް ގެސްޓްހައުސް އަޅަން ބޭނުންވާ ފަރާތްތަކަށްވެސް ބިން ދޫކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ ވެރިކަމުގައި ފަށާނަން، އަދި ގެސްޓްހައުސްތައް ބިނާ ކުރުމަށް ބޭނުންވާ ލޯނު އަޅުގަނޑުން ހުޅުވާ އެސްއެމްއީ ބޭންކްގެ ތެރެއިން ފަސޭހައިން ލިބޭގޮތް ހަމަޖެހިގެންދާނެ، އަދި އޭގެ އިތުރުން މި ސަރަހައްދުގައި ރިސޯޓްތައްް ގާއިމް ކުރެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، އިދިކޮޅު ސަރުކާރެއް ގާއިމްވެއްޖެނަމަ ރައްޔިތުންގެ ބައިވެރިވާ ސަރުކާރަކަށް ހަދާނެ ކަމަށާއި ރައްޔިތުންނަށް ބަސް ބުނުމާއި ގޮތް ކިޔުމުގެ ބާރު ދެވިގެންދާނެ ކަމަށެވެ. އަދި ރަށެއްގެ ކަންކަން ނިންމުމުގެދ ބާރު އެރަށެއްގެ ރައްޔިތުންނަށް ދެވިގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެން ކުރާނީ ޖަޒީރާވަންތަ ތަރައްގީއެއް ގެނެސް ކައުންސިލްތައް ބާރުވެރިކުރުވާ ކައުންސިލްތަކަށް އެބާރު ދީގެން، މިރަށަށް [މޮޅަދޫ] އަށް ބޭނުންވާ ކަންކަން ނިންމާނީ މިރަށުގެ ރައްޔިތުން، އަޅުގަނޑުމެން ކޮށްދޭން ޖެހޭނެ ކަމަކީ އެކަންކަމަށް މަގުފަހިކޮށްދީ އެކަންތައްތައް ކުރުމަށް ފުރުސަތު ދިނުން އަދި އެކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން،" އިބޫ ވިދާޅުވި އެވެ.
އެއަތޮޅު ތުރާކުނަށް ވަޑައިގެން އިބޫ ވިދާޅުވީ، ދައުލަތަށް ލިބޭ ފައިސާއިން ރަނގަޅަށް ބޭނުން ކުރެވިއްޖެނަމަ މިވަގުތު ރާއްޖޭގައި އަސާސީ ހިދުމަތްތައް ނުލިބި އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ.
"މައްސަލައަކީ ސަރުކާރުން ބޭކާރު ހަރަދު ކުރާތީ، މައްސަލައަކީ ކުރާ މައްސަކަތްތައް ނުވަތަ ޕްރޮޖެކްޓްތައް ނުއަގުގައި ބޮޑު ކުރާތީ، ބޭކާރު ގޮތުގައި ކުރާ ހަރަދު ހުއްޓުވާލެވިއްޖެނަމަ މިއަދު މި ރާއްޖޭގައި ނޯންނާނެ ނަރުދަމާއާ ފެނުގެ ހިދުމަތްތައް ނޯންނަ ރަށެއް،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، އިދިކޮޅުން ނިކުމެ ތިބީ ވައްކަމާނުލާ ގައުމު ތަރައްގީ ކުރުމަށްކަމަށެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ކުރިއަަށް އޮތް ފަސް އަހަރު ދުވަހު ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭނެ ރަށެއް ނޯންނާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.