ހަބަރު

ތަފާތު ފިކުރުތަކަށް ޖާގަ ދޭން ކެރޭނެ، އެ ތަޖުރިބާ އެބަހުރި: ރައީސް

Mar 17, 2019
12

ތަފާތު ފިކުރުތަކަށް ޖާގަ ދޭން ކެރިވަޑައި ގަންނަވާ ކަމަށާއި އެކަމުގެ ތަޖުރިބާ އާއި ގާބިލްކަން އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނ. މަނަދޫއަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ރައިސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވެވަޑައިގަތީ އެތަށް ބައެއްގެ މަސައްކަތާއެކުގައި ކަމަށެވެ. އަދި ކޮންމެ ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވާ ގޮތަށް މިއަދު ވެސް ރައީސް ތަކުރާރު ކުރެއްވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އަދި އެއިން އެއްވެސް ފަރާތަކަށް ދެރަ ގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެމަނިކުފާނަށް ތަފާތު ހިޔާލުތަކަށް ޖާގަ ދޭން ކެރިވަޑައިގަންނަވާ ކަމަށާއި އެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް މިހާރު ކުރައްވާ ކެމްޕެއިންތަކުގެ ސަބަބުން އެއިން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ތަފާތު ހިޔާލުތަކާއި ތަފާތު ފިކުރަށް ޖާގަދޭން ކެރޭ މީހެއް. އަޅުގަނޑަކީ އަޅުގަނޑާ ހިޔާލު ތަފާތުވާ މީހުންނާއެކީގައި މަސައްކަތް ކުރަން ދަންނަ މީހެއް، އެކަމުގެ ތަޖުރިބާއާއެކީގައި އަޅުގަނޑު އައިސް މިހިރީ، އެހެންކަމުން މިއަދު އަޅުގަނޑު އެމްޑީޕީގެ ކެންޑިޑޭޓު ހޮވުމަށް މިކުރާ މަސައްކަތުން އެ ބޭފުޅުންނަށް [އެހެން ޕާޓީތަކަށް] އެއްވެސް ކަހަލަ ގެއްލުމެއް ވެގެން ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ތިބޭ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެ ޕާޓީއަކީ ރާއްޖޭގެ ޒަމާނީ ވާދަވެރި ސިޔާސީ ނިޒާމް ގެނައި ޕާޓީ ކަމަށާއި އެކަން ދެމެހެއްޓުމަށް ވިހާވެސް ގިނަ މެންބަރުން ތިބެން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ތިބެގެން ރައްޔިތުންނަށް ވާނެ ގެއްލުމެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ނިޒާމް ފައްކާ ކުރުމަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް މަޖިލީހުގައި އަގުލަބިއްޔަތާއެކުގައި ތިބެން ޖެހޭ. ރައްޔިތުން މި ބޭނުންވާ ލާމަރުކަޒީ ނިޒާމާއި ރައްޔިތުންނާ ކައިރިން ހިދުމަތްތައް ދިނުމާއި ރާއްޖެ ތަރައްގީ ކުރުމުގައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވޭނީ މިކަން ދަންނަ ބަޔަކު މަޖިލީހުގައި ތިބެގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.