ހަބަރު

ތެޔޮ ޓޭންކަރާއި ރައީސް ޔާމީނާއި ގުޅުމެއް ނެތް, އެއީ ދޮގު ވާހަކަ: ފުލުހުން

އުތުރު ކޮރެޔާގެ ތެޔޮޓޭންކަރަކާއި މުއާމަލާތްހިންގި ކަމަށްބުނާ ދިވެހި ޓޭންކަރާއި ރައީސް އަބުދުﷲ ޔާމީނާއި އެއްވެސް ގުޅުމެއް ނުވާކަމަށާއި އެއީ ދޮގު ވާހަކަ ކަމަށް، ފުލުހުން މިއަދު ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާކަމަށް ޓޭންކަރަކުން އުތުރުކޮރެޔާގެ ތެޔޮ ޓޭންކަރަކާއި، ކަނޑުމަތީގައި މުއާމަލާތްތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވިގެން ބެލި މައްސަލަ ވަރަށް ތަފްސީލްކޮށް ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ޕީޖީ އޮފީހަށް ފޮނުވިއިރު، އެ މައްސަލައިގައި ހިމެނޭ ފަރާތާއި މެދު ދައުވާކޮށް، ކޯޓްގައި މައްސަަލަ ހިނގަމުން ދާކަމަށް ޝިފާން ވިދާޅުވި އެވެ.

"އެކަމުގައި ރައީސް އަބުދުﷲ ޔަމީންގެ އަތެއް ވާކަމަށް އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް. އެ މައްސަލަ ފުޅާދާއިރާއެއްގައި ތަހުގީގުކޮށް، ގިނަ ފަރާތްތަކަކާއި ސުވާލުކޮށްފައިވޭ،" ޝިފާން ވިދާޅުވި އެވެ. އެއްވެސް ފަރާތުން ރައީސް ޔާމިންގެ ބައިވެރިވުމެއް އެކަމުގައިވާކަމަށް ބުނެފައިނުވާ ކަމަށާއި، އަދި އެފަދަ ހެއްކެއްވެސް ލިބިފައިނުވާ ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އަދި ފުލުހުންނާއި މެދު ނަފްރަތު އުފެދޭގޮތަށް ދައްކާ ވާހަކަތައް ކުށްވެރިކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހި ގައުމުގެ ހަމަޖެހުމާއި، އިންސާނީ ކަރާމާތް ދަމަހައްޓަން ކުރަންޖެހޭ ހުރިޙާ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާނެ ކަމުގެ ޔަގީންކަން އޭނާ މިއަދު ވަނީ ދެއްވައިފަ އެވެ.

އުތުރުކޮރެޔާގެ ތެޔޮ ޓޭންކަރާއިއެކު މުއާމަލާތް ކުރިކަމަށްބުނާ މައްސަލާގައި މީހެއްގެ މައްޗަށް ވަނީ ދައުވާވެސް އުފުލާފައެވެ. އަދި އެ މީހާ ވަނީ އެމައްސަލައިގެ ޝަރީއަތް ނިމެންދެެން ބަންދުވެސް ކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓްގައި ކުރިއަށްދެ އެވެ.