ހަބަރު

މާމިގިލީގެ މަންޒަރު ބަދަލުވެ، ރައީސް ޔާމީންއަށް ތާއީދު އެބަ އިތުރުވޭ: ކެމްޕޭން އޮފީސް

Sep 5, 2018
4

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ އުފަން ރަށް، މާމިގިލި ހިމެނޭ، އދ އަތޮޅުން އެމަނިކުފާނު ނޫން މީހަކަށް ސިޔާސީ ގޮތުން މޮޅެއް ނުލިބޭނެ ކަމަށް އެތައް ބަޔަކު ގަބޫލު ކުރެ އެވެ. އެއީ މިހާތަނަށް ވެސް، ފެންނަން އޮތް ހަގީގަތެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ޓީމުން ޖަހައި ހިސާބާއި ކުރަހާ މަންޒަރަކީ، އެ ހަގީގަތް ބަދަލުވެއްޖެ ކަމުގެ ޔަގީންކަމެވެ.

ރައީސް އަބްދުﷲ ޔާމީން މިފަހުން ވަނީ އދ. މާމިގިއްޔާއި އެހެން ބައެއް ރަށަރަށަށް ވަޑައިގެންފަ އެވެ. އަދި އޭގެ ކުރިން ރައީސްގެ ކެމްޕޭން ޓީމްގެ ފަރާތުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ އަތޮޅަށް ވަޑައިގެން ޕީޕީއެމްގެ ޓީމްތަކާ ބައްދަލު ކުރެއްވި އެވެ. އެ ދަތުރުތަކަށް ފަހު އެ ޓީމުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު، "އަވަސް"އަށް ބުނީ މާމިގިއްޔާއި އދ އަތޮޅު މިހާރު ބަދަލުވެއްޖެ ކަމަށެވެ. އަދި ސިޔާސީ ގޮތުން އެ އަތޮޅުގެ ރަށްތަކުބން ރައީސް ޔާމީންއަށް ބޮޑު ތާއީދެއް މިފަހަރު ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ވަކި މީހަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން އދ އަތޮޅުގެ ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެން އެވެ.

"އެ އަތޮޅުގެ ރައްޔިތުން ގަބޫލު ކުރައްވާ ރައީސް ޔާމީންގެ ތަރަގީގެ ހިއްސާ އެ އަތޮޅަށް ވެސް ފޯރައިފި ކަމަށް. މާމިގިލީގައި ބަނދަރެއް ގާއިމް ކުރެވިއްޖެ. އެހެން ތަރައްގީތައް އެ އަތޮޅުގެ އެހެން ރަށްރަށަށް ވެސް އެބަ އާދޭ. އެ ހުރިހާ ކަމަކާ އެކު ރައީސް ޔާމީންގެ ތަރައްގީ ރައްޔިތުން ބަލައިގަނެ މިފަހަރު ބޮޑު ތާއީދެއް އދ އަތޮޅުން ރައީސްއަށް ދޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ދަތުރަށް ފަހު މިނިސްޓަރު ސައީދު ވެސް ވިދާޅުވެފައި ވަނީ، އދ ގެ ރައްޔިތުން ތެރެއިން، އިދިކޮޅު ފިކުރުގައި ތިބި ބޭފުޅުން ވެސް ރައީސް ޔާމީންގެ ކޮޅަށް ތާއީދު ކުރައްވާ އެމަނިކުފާނަށް ބޮޑު ތާއީދެއް ދޭނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން މާމިގިއްޔަށް ވަޑައިގަތުމުން އެ ރަށުން ވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. ފިޔާތޮޅު ކުލައިގެ ދިދަތަކާއި ބެނާތަކުން އެ ރަށުގެ ބަނދަރު ސަރަހައްދު ޒީނަތްތެރި ކޮށްފައި އޮތް އިރު އެމަނިކުފާނު އެ ރަށަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ ނިޒާމު އިފްތިތާހުކޮށްދެއްވި އެވެ.

އެމަނިކުފާނު އެއަށް ފަހު އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކާއި އެކަމުން އަންނަ ހެޔޮ ބަދަލު ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ބުނެދެއްވި އެވެ. ރައީސް ޔާމީން އެ ރަށުގައި ވިދާޅުވީ، އެއާޕޯޓްގެ ބޮޑުކުރުމުގެ މަޝްރޫއާއި އެހެން ވެސް ތަރައްގީގެ މަޝްރޫއުތަކުން އިގްތިސާދު ބޮޑުތަނުން ފުޅާވާނެ ކަމަށެވެ.

"އަވަސް"އާ ވާހަކަ ދެއްކި، މާމިގިލީގެ ޕީޕީއެމްގެ ސަޕޯޓަރަކު ބުނީ، އެ ރަށުން ރައީސް ޔާމީންއަށް ކުރިއަށް ވުރެ ތާއިދު ބޮޑުވާނެ ކަމަށެވެ. އަދި ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެއްޖެ ކަމަށާއި ރައްޔިތުން ބަލަނީ ވެރިކަމުގައި ހުރި މީހަކު ކޮށްދީފައިވާ ހިދުމަތަށް ކަމަށް ވެސް އޭނާ ބުންޏެވެ. މާމިގިލި ވަކި މީހެއްގެ ނަމުގައި އޮތް އޮތުން ރިޔާސީ އިންތިހާބުގެ ވޯޓުން ނިމުމަކަށް އަންނާނެ ކަމަށް އޭނާ ބުންޏެވެ.

"މި ރަށަކީ ވަކި މީހެއްގެ ރަށެއް ނޫން. ވެރިއަކު ހޮވުމުގައި މި ރަށު މީހުންބަލަނީ ފައިސާތަކެއް ނޫނީ އެއްޗިހި ދޭ ބަޔަކަށް ނޫން. ވެރިއަކު ގައުމަށް ކޮށްދޭ ހިދުމަތް ތަރައްގީ. އެ ރޫހުގައި މި ރަށު މީހުން އެ ތިބީ. ވޯޓުން މިފަހަރު ބޮޑު ބައެއް ރައީސް ޔާމީން ހޯއްދަވާނެ،" ގާސިމްގެ އުފަން ރަށުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.