ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ދުވުމުގެ ހަރަކާތް "ދިރާގު މޯލްޑިވްސް ރޯޑް ރޭސް"ގެ މި އަހަރުގެ ރޭސް އަންނަ ނޮވެމްބަރު މަހު ދޭއްގައި ބާއްވަން ނިންމައިފި އެވެ. މިއީ މި ހަރަކާތް ބާއްވާ 12 ވަނަ އަހަރެވެ.
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މި މަހު 16 އިން އަންނަ މަހު 16 އާއި ހަމައަށް ރޯޑް ރޭސްގައި ބައިވެރިވާން ބޭނުންވާ މީހުނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. މި އަހަރު މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު 4000 މީހުނަށް ދިނުމަށް ވަނީ ނިންމާފަ އެވެ. މިދިޔަ އަހަރު މި ހަރާކާތުގައި ބައިވެރިވީ 3000 މީހުންނެވެ.
ހަތް އަހަރުން މަތީގެ ކޮންމެ މީހަކަށް މި ހަރަކާތުގައި ބައިވެރިވެވޭނެ އެވެ. ރޯޑު ރޭސް އޮންނަ ދުވަހަށް ހަތް އަހަރު ފުރޭ ކުދިންނަށްވެސް މިފަހަރު މި ހަރަކާތުގައި ބައިވެރިވެވޭނެ އެވެ. މި އަހަރުވެސް މި ހަރަކާތް އޮންނާނީ ހުޅުމާލޭގަ އެވެ.
ކުޑަކުދިންގެ ހިމާޔަތްކުރުމަށް ގޮވާލައި ދިރާގުން ބާއްވަމުން އަންނަ މި ހަރަކާތުގައި އަމިއްލަ ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކަށް އިސްކަންދޭނެ އެވެ. އަމިއްލަ ޖަމިއްޔާތަކުން އެ ޖަމިއްޔާގެ ތައާރަފަކާއި ކުރިއަށް އޮތް 12 މަސްދުވަހު އެ ޖަމިއްޔާއިން ކުޑަކުދިންގެ ހައްގުތަކަށް ކުރަން ރަވާފައިވާ މަސައްކަތް ހިމެނޭ ލިޔުމެއް މި މަހު 23 ކުރިން ދިރާގަށް ހުށަހަޅަންޖެހޭނެ އެވެ.
މި ހަރަކާތުން ލިބޭ ފައިސާ ދިރާގުން ހަދިޔާކުރާނީ އެ ޖަމިއްޔާތަކެވެ. މިދިޔަ ދެ އަހަރު މި ހަރަކާތުގައި ބައިވެރިވި އަށް ޖަމިއްޔާއަކަށް މި ހަރަކާތުން ލިބުނު ދެ މިލިއަން ރުފިޔާ ދިރާގުން ވަނީ ހަދިޔާކޮށްފަ އެވެ.
މިފަހަރު މި ހަރަކާތުގައި ބައިވެރިވާ މީހުނަށް ދޫކުރާ ޓީޝާޓުގެ އަގަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން 50 ރުފިޔާއަށް ދޫކުރަމުން އައި ޓީޝާޓް މިފަހަރު ދޫކުރަނީ 100 ރުފިޔާއަށެވެ. ދިރާގު ޕޭ އެޕް މެދުވެރިކޮށް ރޯޑް ރޭސްއަށް ރެޖިސްޓާވާ ފަަރާތްތަކަށް އެމީހަކު ބޭނުންވާ ސައިޒަކުން ޓީޝާޓް ހޯދުމަށް ރިކުއެސްޓުކުރެވޭނެ އިންތިޒާމުވެސް ވަނީ މިފަހަރު ހަމަޖައްސާފަ އެވެ. ޓީޝާޓް ދޫކުރާނީ އޮކްޓޯބަރު 28 އަދި 29 ވަނަ ދުވަހު އެވެ.
ރޭސް އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދޭ މެޑަލްއަށްވެސް މި އަހަރު ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން 10 ކިލޯމީޓަރާއި އަދި ފަސް ކިލޯމީޓަރުގެ ރޭހުގައި، އެންމެ ފުރަތަމަ ނިންމާ ފަރާތަކަށް ދެނީ އެއް މެޑަލްއެކެވެ. އެކަމަކު މި އަހަރު މި ދެ މެޑަލް އާ ޑިޒައިނަކާއެކު ވަނީ ދެ މެޑަލްގެ ގޮތުގައި ވަކިކޮށްފަ އެވެ.