ވިޔަފާރި

ކޮފީގެ ހާއްސަ އިވެންޓް 14 ވަނަ ދުވަހަށް ފަސްކޮށްފި

Sep 7, 2018

ދިރާގާއި ކޮފީ ލެބް ރޯސްޓާސް ގުޅިގެން ރާއްޖޭގައި ބާއްވަން ތައްޔާރުވި ބޮޑު ކޮފީ އިވެންޓު، މި މަހުގެ 14 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

"ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 - އަ ގެދަރިން ފޯ ކޮފީ ލަވާސް" ގެ ނަމުގައި މި އިވެންޓް ކުރިން ބާއްވަން އޮތީ މިއަދު އެވެ. ނަމަވެސް މި އިވެންޓް ބާއްވާ ކޮފީ ލެބުން ބުނީ މި އިވެންޓް މިހާރު އޮންނާނީ އަންނަ ހުކުރު ދުވަހުކަމަށެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އާއްމުންނަށް ހުޅުވާލައިގެން ބައްވާ މިކަހަލަ އެއްމެ ބޮޑު ކޮފީ އިވެންޓެވެ. މި އިވެންޓްގައި ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގެ އިތުރުން ރާއްޖޭގެ ތަފާތު ސްޕެޝަލްޓީ ކެފޭތަކާއި ބައްދަލުވެ އެތަންތަނުގެ ފަރާތުން އާއްމުންނަށް އެސްޕްރެސޯ، މެނުއަލް ބްރޫ، ސިގްނޭޗަ ބެވަރޭޖް އަދި ކޮފީ ޓޭސްޓިން (ކަޕިން) ފަދަ ސްޕެޝިއަލްޓީ ކޮފީގެ ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިގެނދާނެ އެވެ.

ވޯލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް އަކީ ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ކޮފީ އިވެންޓެކެވެ. އެއްމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މި މުބާރާތް ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވަ އެވެ. މި އަހަރު ސިޑްނީގައި ބާއްވާ މުބާރާތުގައި ތަފާތު 50 ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެ އެވެ. މި މުބާރާތުން އެއްވަނަ އަށް ހޮވޭ މީހަކަށް ދީރާގުގެ އެހީގައި ވޯލްލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.