ހަބަރު

ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފި

Sep 7, 2018
17

އަންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވެއްޖެ ނަމަ އަދި ޑިމޮކްރަސީގެ މަގަށް ރާއްޖެ ރުޖޫއަ ނުވާ ނަމަ، ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދީފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން، އިއްޔެ ނެރުނު ބަޔާނުގައި ބުނީ، މި މަހުގެ 23 ވަނަ ދުވަހު ރާއްޖޭގެ ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައިވާ އިރު، ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު އިތުރަށް ދައްވަމުން އަންނާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖޭގެ މުއައްސަސާތައް ނުފޫޒުން މިނިވަންކޮށް ދެ ފުއްފެންނަ އިންސާފުވެރި އިންތިހާބެއް މިހާރުވެސް އިއުލާން ކޮށްފައިވާ ތާރީހު ކަމަށްވާ، 23 ސެޕްޓެމްބަރުގައި ބޭއްވުުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ރާއްޖޭގެ ޑިމޮކްރަސީއަށް ހުރަސްއަޅައި، ގާނޫނީ ވެރިކަމެއް ހިންގުމަށް ދަތިކޮށް އަދި މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އަޅާ ރާއްޖޭގެ ވަކި ވަކި ފަރުދުންނާއި ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް އެމެރިކާއިން އަޅާނެ އެވެ،" ބަޔާނުގައިވެ އެވެ.

ބައިނަލްއަގުވާމީ އެހެން ފަރާތްތަކުން ރާއްޖެއަށް ގޮވާލާ ގޮވާލުންތައް ތަކުރާރުކުރަމުން މިފަހަރުގެ ބަޔާނުވައިވެސް، އެމެރިކާއިން ބުނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ފުރިހަމަޔަށް ތަންފީޒުކޮށް ޖަލުތަކުގައި ތިބި ސިޔާސީ ކުށްވެރިން މިނިވަންކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި އަޅާފައިވާ ފިޔަވަޅުތައް އުވާލަން ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުން ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް އަދި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުން ހުއްޓާލަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ، ރައްޔިތުން އެދޭ ފަދަ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވި ދާނެ ކަމަށް ނުދެކޭ ކަމަށް ވެސް އެމެރިކާއިން ބުންޏެވެ.

އެމެރިކާއިން މިފަދަ ބަޔާނެއް ރާއްޖެއާ މެދު ނެރެފައި މި ވަނީ، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސިއްރު ލިޔުމެއް ކަމަށް ބުނާ ޑޮކިއުމަންޓެއް ސޯޝަލް މީޑިއާގައި ދައުރުވެ އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެ ލިޔުމަކީ ބަޔަކު ހަދާފައިވާ "ފޭކް" ލިޔުމެއް ކަމަށް ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީއިން ބަޔާނެއް ނެރެ ވަނީ ބުނެފަ އެވެ.

މީގެ ކުރިން އީޔޫގެ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލުން ވެސް ފާސްކޮށްފައި ވަނީ، ރާއްޖޭގެ ވަކިވަކި ފަރުދުންގެ މައްޗަށް ފިޔަވަޅު އެޅުމަށެވެ. އަދި އެކަމާ ގުޅޭ އޮނިގަނޑެއް އެ ޖަމާއަތުން ފާސްކޮށްފައިވެ އެވެ. އެހެން ނަމަވެސް ފިޔަވަޅު އަޅާނެ ފަރާތްތަކުގެ ލިސްޓެއް އަދި ފާސްކޮށްފައި ނުވާތީ، ފިޔަވަޅު އެޅިފައެއް އަދި ނުވެ އެވެ.