ހަބަރު

އާންމު ދަތުރުތަކަށް ބުރިޖު ހުޅުވާލައިފި

Sep 7, 2018
1

ކުރިން ވެސް ޝެޑިއުކޮށް އިއުލާންކޮށްފައިވަ ގޮތަށް އާންމު ދަތުރުތަކަށް ސިނަމާލެ ބްރިޖް މިއަދު ހަވީރު އާންމުކޮށް ހުޅުވާލައިފި އެވެ.

މިއަދު 4:00 ޖެހިއިރު ސިނަމާލެ ބްރިޖް ހުޅުވާލި އިރު ބްރިޖުގައި ދަތުރު ކުރުމަށް ގިނަ އަދެއްގެ ބަޔަކު ކިޔޫތައް ހަދާފައި އޮތެވެ. ބްރިޖުގެ ދެ ފަރާތުގައި ހުންނަ ލޭންތައް ވެސް ވަނީ ފުރާލާ ގިނަ ބަޔަކު ހިނގާފައި ބްރިޖު ހުރަސް ކުރަމުން އެބަދެ އެވެ. ބްރިޖުގެ ދަތުރުތައް މިއަދު ފެށި ނަމަވެސް އެއްވެސް އުޅަނދަކުން ފީއެއް ސަރުކާރުން ނުނަގަ އެވެ. ބްރިޖު ބޭނުން ކުރާ ފަރާތްތަކުގެ އަތުން ސެޕްޓެމްބަރު 23 ވަނަ ދުވަހާއި ހަމައަށް އެ ފީއެއް ނުނަގާނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފައެވެ.

ބްރިޖު މަތިން ހުޅުމާލެއަށް ދިޔުމަށް އެމްޕީއެލްގެ ބަސް ހިދުމަތްތަކާއި ސިޓީ ޗެކިންގެ ހިދުމަތްތައް ވެސް މިއަދު ވަނީ ފަށައިފަ އެވެ. ފަސް ދުވަސް ވަންދެއް ބަސް ދަތުރުތައް ވެސް ހިލޭ ދިނުމަށް ސަރުކާރުން ނިންމާފައިވާ އިރު ގިނަ ބަޔަކު ވަނީ ބަހުން ވެސް ހުޅުމާލެ ގޮސްފަ އެވެ.

ބްރިޖްގައި ދަތުރު ކުރުމުގެ ގަވައިދު ވެސް ވަނީ އާންމުކޮށްފައެވެ. ގަވައިދުގައިވާ ގޮތުން ބްރިޖާއި ލިންކް ރޯޑުގެ ދެ ފަރާތުން އެންމެ ބޭރުގައިވާ ދެ ލޭންއަކީ ޕަބްލިކް ބަސްތަކާއި ސައިކަލުތަކަށް ހާއްސަ ކުރެވިފައިވާ ދެ ލޭން ކަމަށާއި މެދުގައިވާ ދެ ލޭން ހާއްސަކޮށްފައި ވަނީ ކާރާއި ޕިކަޕު ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކަމަށެވެ. ބްރިޖުގައި ދުއްވޭނީ 60 މޭލު ބާރު މިނުގަ އެވެ.

މިއަދު ހުޅުވާލި އިރު ގަވައިދުތަކަށް އަހުލުވެރި ކުރުވުމަށް ޓްރެފިކް ފުލުހުން ހަރަކާތްތެރިވި އެވެ. ބްރިޖަށް އަރާ ހިސާބުގައި ބޮޑުތަކުރުފާނު މަގުގައި ޓްރެފިކް ލައިޓު ވެސް ހަރުކޮށް ޓްރެފިކް މެނޭޖު ކުރަމުންދެ އެވެ.