ހަބަރު

25 ބުރީގެ ހޮހަޅައެކޭ ބުނީ ނާތަހުޒީބު ވުމުން: ޝަހީމް

ސަރުކާރުން ގާއިމް ކުރާ ޒަމާނީ ހޮސްޕިޓަލް، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް "ހޮހަޅަ" އެއް ގޮތަށް ސިފަކުރާނީ ނާތަހުޒީބު ވުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިގޮތަށް ވިދާޅުވީ، 75 ބުރީގެ އިމާރާތެއް އެޅޭ އަގަށް މިހާރު ހަދާފައިވަނީ 25 ބުރީގެ "ހޮހަޅައެއް" ކަމަށެވެ. އޭގެ ބޭރުގަ ޖަހާފައިވާ ބިއްލޫރީގެ ދަޅައަށް ހެއްލިގެން ތިބެގެން ނުވާނެ ކަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީނަށް ކެމްޕެއިން ކުރުމަށްޓަކައި ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މަސައްކަތް ކުރަމުން ގެންދަނީ ރާއްޖެ ތަރައްގީ ކުރުމަށް ކަމަށާއި ބޭރުގައުމު ތަކަށް ވިއްކާލާފައިވާ އެއާޕޯޓްވެސް ހޯއްދެވީ ރައީސް ޔާމީން ކަމަށެވެ. އަދި އެއާޕޯޓްގައި ދުނިޔޭގައި ދުއްވާ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ޖައްސާނެ ކަމަށާއި އެބޯޓް ދުއްވާނީ ދިވެހި ޕައިލެޓެއް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެއީ ތަރައްގީ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ބޭފުޅަކު އިއްޔެ ވިދާޅުވީ 25 ބުރީގެ އިމާރާތަކީ ހޮހަޅައެކޭ، 25 ބުރީގެ ޒަމާނީ ހޮސްޕިޓަލަށް އެއީ ހޮހަޅައެއް ގޮތަށް ސިފަކުރާނީ ކިހާ ނާތަހުޒީބު ވުމުން، މިއަދު ރައްޔިތުން ވިސްނާ ފިކުރު ކުރަން ޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގެ އެއްވެސް މައްސަލައެއްނެތި އެއްވެސް ސަރުކާރެއް ހިނގާފައިނުވާ ކަމަށާއި ކޮންމެ ސަރުކާރެއްގައިވެސް އިސްލާހު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އަދި މި ސަރުކާރުގައި އިސްލާހު ކުރަން ޖެހޭ ކަންކަންވެސް ހުންނާނެ ކަަމަށެވެ. ނަމަވެސް އެއީ ރައީސް އެއްލާލަން ޖެހޭނެ ނުވަތަ ތަބަކަކަށްލާފައި ބޭރުގެ ފަރާތްތަކަށް "އުލްހިޔާ"ގެ ގޮތަށް ރައީސް ޔާމީން "ގުރުބާން ކުރަން" ޖެހޭނެ ސަބަބެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އެމްޑީޕީ އިން މީގެ ކުރިން މަސައްކަތް ކުރީ ކަރަޕްޝަނާއި ވައްކަމާއި އަނިޔާވެރިކަމާއި ދެކޮޅަށް ކަމަށާއި މިއަދު އެބޭފުޅުން އެތިއްބެވީ އެފަރާތްތަކާއި އެއްކޮޅަށް ކަމަށެވެ. އަދި އެމްޑީޕީ ވަނީ އެޕާޓީގެ އަސްލު ސޫރައިން ގެއްލިފަ ކަމަށާއި އެމްޑީޕީއަށް ރާއްޖޭގައި އިތުރަށް ކުރެވޭނެ އިސްލާހެއް ނޯންނާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އެމީހުން [އެމްޑީޕީ]ނަށް އިސްލާހު ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ، އެމީހުން އެވަނީ އެމީހުންގެ އަސްލު މަގުން ބޭރުވެފަ،" ޝަހީމް ވިދާޅުވި އެވެ.

ދީނީ އިލްމުވެރިންނަށް ފާޑު ވިދާޅުވަމުން ޝަހީމް ވިދާޅުވީ، އިންތިހާބާއި ކައިރިވުމުން ދީނީ އިލްމުވެރިން ފަތުވާތައް ނެރޭ ކަމަށާއި އެކަމަކީ "މޫސުމީ" ފަތުވާތަކެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެކިއެކި ބަދުނާމްތައް އެޅޭގޮތަށް ވާހަކަތައް ދައްކަވާ ކަމަށެވެ. ނަމަވެސް އެކަންކަމަކީ ސާބިތު ނުހިފޭ ކަންކަން ކަމަށާއި އެފަދަ ވާހަކަތައް ދެއްކުމަކީ އިސްލާމީ ޝަރީއަތްތަކާއި ހިލާފް ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"އެހެން ކަމުން ތިމާއަށް އަޑުއިވޭ ވާހަކަ ތަކުގެ ތެދު ދޮގު ނުބަލައި އެވާހަކަތައް ފެތުރުމަކީ އެއީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް، އަޅުގަނޑުމެންނަށް މި ފެންނަނީ އެފަދަ ބޭފުޅުން ބައެއް ވާހަކަތައް ދައްކަމުންދާ މަންޒަރު، އެހެން ކަމުން ރައްޔިތުން މިކަންކަމާމެދު ފުންކޮށް ވިސްނަންޖެހޭ،" ޝަހީމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނަށް ފާޑު ވިދާޅުވަމުން ޝަހީމް ވިދާޅުވީ، އިދިކޮޅުގައި ފަސް ޕާޓީ އެބަ އުޅުއްވާ ކަމަށާއި އޭގެ ކޮންމެ ޕާޓީއެއްގައި ތިބީ ލީޑަރުން ކަމަށެވެ. އަދި ވެރިކަމަށް އައުމާއެކު ތިން ދުވަސް ތެރޭގައި އެކޯލިޝަން ރޫޅޭނެ ކަމަށެވެ. އަދި އެ ކޯލިޝަނުން މަސައްކަތް ކުރަނީ ވަކި މީހަކު ވެރިކަމަށް ގެނައުމަށް ކަމަށާއި އެކަން ކާމިޔާބުވިޔަ ނުދިނުމަށް ރައްޔިތުން މަސައްކަތް ކޮށްދޭން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.