ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ހައްގު މިންވަރެއް ދޭނެ ކަމަށް ދުށުމަކީ މޮޔަ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ ޝަރީފް މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، ސަރުކާރު ކެބިނެޓުގައި އެ ޕާޓީ ތަމްސީލު ކުރައްވާ މިނިސްޓަރުންނަށް ތިއްބެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އުފެދުނު ބޮޑު ނުތަނަވަސް ކަމެއްގެ ތެރެއިން ޖެންޑާ މިނިސްޓަރު ކަމުން ޝިދާތާ އިސްތިއުފާ ދެއްވި ނަމަވެސް ހުރިހާ ކަމެއް އޭނާގެ ބޮލުގައި އެޅުވެން ނެތް ކަމަށެވެ. ދެން އެ މަގާމަށް، އެންމެން ވެސް "މާބޮޑު ދެކޮޅުވެރިކަމެއް ނެތް، މައްސަލަ ނުޖައްސާނެ" މީހަކު އައްޔަން ކުރަން ޖެހުނު ކަމަށާއި އެއީ އަދާލަތު ޕާޓީގެ ރައީސް އަދި މިނިސްޓަރުގެ ހައިސިއްޔަތުން ވެސް ގަބޫލު ކުރައްވަން ޖެހިވަޑައިގެންނެވި ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ޝިދާތާގެ މައްސަލަގާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި އެވެ. އަދި ސަރުކާރުން އަދާލަތު ޕާޓީއަށް ހައްގު މިންވަރު ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވާނެ ކަމަށް އިމްރާން ފާހަގަ ކުރެއްވި އެވެ. އެ ކަމަށް ގޮތެއް ރާއްވަވާނެ ކަމަށް ރައީސް ސޯލިހް އޭނާއަށް ޔަގީންކަން ދެއްވި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އިމްރާންގެ އެ ވާހަކައާ ގުޅިގެން މީގެ ކުރިން އާދަލަތު ޕާޓީގައި އޭނާއާއެކު ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވާފައިވާ ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީން އަދާލަތު ޕާޓީއަށް ވެފައިވާ އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައިވޭތޯ ސުވާލު ކުރައްވާފަ އެވެ. އަދި ކޯލިޝަން ހެދުމަށް ވެފައިވާ އެއްބަސްވުން ކޮބައިތޯ ވެސް ޝަހީމް ސުވާލު ކުރެއްވި އެވެ.
ޝަހީމްގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީއަށް ސަރުކާރުގެ 16 ޕަސެންޓް ދިނުމަށް އޮތީ އެއްބަސްވެފަ އެވެ. އެއީ ކެބިނެޓުގެ ހަތަރު ވަޒީރުންނެވެ. އެ ވައުދު ފުއްދާފައިވޭތޯ ޝަހީމް ސުވާލު ކުރެއްވި އެވެ. ޝަހީމް އެހެން ވިދާޅުވި ނަމަވެސް ސަރުކާރު ކެބިނެޓުން އަދާލަތަށް ދޭން އެއްބަސްވީ 15 ޕަސެންޓެވެ. އެއީ ތިން ވަޒީރުންނެވެ.
ސަރުކާރު ގެނައުމަށް އުފެއްދި ކޯލިޝަންގެ ހަތަރު ލީޑަރުންނާއެކު ރައީސް ސޯލިހް މަހަކު އެއް ފަހަރު ބައްދަލުވާން ވެސް އެއްބަސްވެވަޑައިގެންފައިވެ އެވެ. އެކަމަކު މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެންމެ ފަހަރަކު ލީޑަރުން ބައްދަލު ކުރެއްވި ފަހުން މިހާތަނަށް ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ. ޝަހީމް ވަނީ އެ ބައްދަލުވުމަށްވީ ގޮތަކާ މެދު ވެސް ސުވާލު ކުރައްވާފަ އެވެ.
މީގެ އިތުރުން އަދަލާތު ޕާޓީން ވެރިކަން ކުރާ ކޯލިޝަންގެ ރިޔާސީ މެނިފެސްޓޯ ހިމެނި 33 ސިޔާސަތަށް ވެގެން ދިޔަ ގޮތާ މެދު ވެސް ޝަހީމް ސުވާލު ކުރެއްވި އެވެ. އަދަލާތު ޕާޓީގެ މެންބަރުންނަށް ސަރުކާރުން ހަމަޖައްސައިދޭން ވައުދުވި ވަޒީފާތައް ކޮބައިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
"އަދާލަތަށް ލިބުނު ސްލޮޓްތަކުގައި ގިނައިން ތިބީ އެމްޑީޕީގެ އަސްލު މީހުން. އެ މީހުން އެ ސްލޮޓްތަކަށް ލީ ވެސް އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ރައުޔުއެއް ވެސް ނެތި،" އާދަލަތު ޕާޓީން ސިޔާސީ ހަޔާތް ފައްޓަވައި، ފަހުން އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މަޖިލީހުގެ އިންތިހާބުގައި ވެސް ކޯލިޝަންގެ ޕާޓީތަކާ ގުޅިގެން ވާދަކޮށްފައިނުވާއިރު، އަދާލަތު ޕާޓީ އާއި އެމްޑީޕީއާ އެކު ކުރި މަޝްވަރާތަކުގެ ތެރެއިން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ނިންމި ބައެއް ކެންޑިޑޭޓުން ފަހުން ނަން ނެގީ ސަރުކާރުން އަލުން ވަޒީފާ ދޭނެ ކަމަށް ވައުދުވުމުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ސަރުކާރުގެ ކެބިނެޓުގައި އިންނެވި އަދާލަތު ޕާޓީގެ ލީޑާޝިޕްގައި އުޅުއްވާ ޝިދާތާ އަދި މި ސަރުކާރު ގެނައުމަށް އެތައް މަސައްކަތެއް އޭނާ ކުރައްވާފައިވާއިރު ޝިދާތާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ދުވަހު އިމްރާން އަދި އަދާލަތުގެ އެހެން އިސް ބޭފުޅަކު ވެސް ޝިދާތާގެ ދިފާއުގައި ބަހެއް ވިދާޅުވި ނުވި ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝިދާތާ އިސްތިއުފާ ދެއްވުމުން އޭނާގެ ދިފާއުގައި އިމްރާން ކުރެއްވި ޓްވީޓަށް އިޝާރާތް ކުރައްވައި ޝަހީމް "އިމްރާން ޓްވީޓް ކޮށްލެވީ ވެސް ޝިދާތާ ވަކިވުމަށްފަހު، މައްޔިތާއަށް ރަހުމަތް ލެއްވުމަށް އެދި ދުއާ ކުރާ މަގުން" ކަމަށެވެ.
"އަޅުގަނޑު މި ވާހަކަތައް ބުނީމަ އިމްރާން ކޯފާ ނުވާނެ ކަމަށް އުއްމީދު ކުރަން، އެމްޑީޕީން އަދާލަތު ޕާޓީއަށް ހައްގު މިންވަރު ދީފާނެ ކަމަށް ދުށުމަކީ މޮޔަ ކަމެއް،" ޝަހީމްގެ ޕޯސްޓުގައި ވެ އެވެ.
އަދާލަތު ޕާޓީގެ ހުރިހާ ހައްގުތަކެއް ގުރުބާން ކުރެއްވުމަށް ފަހު ވެސް އިމްރާން ނުކުންނެވީ އެމްޑީޕީއަށް މަޖިލީހުގެ އަގުލަބިއްޔަތު ހޯދައި ދެއްވުމަށް ކަމަށް ޝަހީމް ވިދާޅުވި އެވެ. އެއިން އަދާލަތު ޕާޓީއަށް ލިބެންވާ ހައްގު މިންވަރު ނުލިބި އޮތް އިރު، އެކަމުގެ ސަބަބުން މުޅި ގައުމުގެ ނިޒާމަށާއި އިސްލާމީ އުއްމަތަށް ފޫބައްދަން ދަތި އެތައް ކަމެއް ކުރިމަތިވަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ކޯލިޝަނުން އާދަލަތު ޕާޓީއަށް ހައްގު މިންވަރު ލިބެން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ކޯލިޝަންގެ އެހެން ޕާޓީތަކުގެ މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ކައުންސިލް އިންތިހާބަށް ފަހު ކޯލިޝަން ރުޅާލާނެ ކަމަށް ވެސް މެންބަރަކު ވަނީ ވިދާޅުވެފަ އެވެ.