ހަބަރު

އިބޫއަށް ހަމަލާ ދޭން އުޅުނު މައްސަލާގައި ފުލުހުން އަދިވެސް ހިމޭނުން!

މިދިޔަ މަހު 10 ވަނަ ދުވަހު އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުޅުމާލޭގައި ކެމްޕެއިން ކުރައްވަނިކޮށް އެމަނިކުފާނަށް ހަމަލާ ދިން މައްސަލާގެ ތަފްސީލު ހާމަކުރަން ފުލުހުން ދެކޮޅު ހަދައިފި އެވެ.

އިބޫއަށް ދިން ހަމަލާގެ މައުލޫމާތުތައް ހާމަ ކުރަން ފުލުހުން ދެކޮޅު ހަދާފައި ވަނީ އިއްޔެ ޕީޕީއެމްގެ ޖަގަހައަށް އެމްޑީޕީގެ ބަޔަކު ހަމަލާ ދިނުމާ ގުޅިގެން އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ އަދަދާއި ތަހުގީގުގެ ތަފްސީލު ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެފަދަ އަމަލުތައް ނުހިންގެވުމަށް އިލްތިމާސްކޮށް ބޭއްވި އެ ބައްދަލުވުމުގައި އިބޫއަށް ހަމާލާ ދިން މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުންނާއި އެއްވެސް މީހަކު ހައްޔަރު ކުރިތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އިބޫއަށް ހަމަލާ ދިން މައްސަލަ ބަލަމުން އަންނަ ކަމަށާއި ނަމަވެސް ތަފްސީލު ހާމަ ކުރެވެން ނެތް ކަމަށެވެ. ޕީޕީއެމްއަށް ހަމަލާ ދިން މައްސަލާގެ ތަހުގީގު ތަފްސީލުކޮށް ހާމަކޮށްދެއްވި އިރު އިބޫ މައްސަލާގެ އެއްވެސް މައުލޫމާތެއް ނުދެނީ ކީއްވެތޯ ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ފަހުން އެ މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ދެމެދުގައި ފުލުހުން ތަފާތު ކުރަމުންދާ ކަމަށް ދެކެވޭ ވާހަކައަށް އިޝާރަތް ކުރައްވާ ޝިފާން ވިދާޅުވީ ކެންޑިޑޭޓުންނާ ގުޅޭ އެއްވެސް ކަމެއްގައި ފުލުހުން ވަކި ފަރާތަކަށް ނުޖެހޭނެ ކަމަށާއި ވަކި ކެންޑިޑޭޓެއްގެ ކަމެއް އެއްފަރާތްކޮށްލާފައި ވެސް ނުބާއްވާނެ ކަމަށެވެ. އަދި އޮންނަ މިންގަނޑަކުން ކަންކަން ހަމާ ކުރައްވާނެ ކަމަށާއި ފުލުހުން މައްސަލަތައް ބަލަމުން ގެންދާ ކަމަށް ޝިފާން ވިދާޅުވި އެވެ.

"އަޅުގަނޑު ހުރިހާ ފަރާތްތަކަށް ވެސް ދަންނަވާލަން، ފުލުހުންނާ ދިމާލަށް ބަލާ ލޮލުން ސިޔާސީ ލޮލަކުން ނުބަލަން، ފުލުހުން ކުރަމުންދާ ކަންކަން ވަރަށް ނިއުޓްރަލްކޮށް މިދަނީ މައްސަލައެއް ފުލުހުންނާ ހަމަޔަށް އައިސިޔާ ތަހުގީގުކޮށް ހަދަމުން، އަޅުގަނޑަށް ފެނޭ ފުލުހުންނާ ދިމާލަށް ބަލާ ލޯ ކުޑަކޮށް ބަދަލުކޮށްލަން،" ޝިފާން ވިދާޅުވި އެވެ.

ކޮލަމާފުށީގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ވަނީ 18 މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އިބޫއަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެނގިފައެއް ނެތެވެ.