ހަބަރު

މިވެރިކަން މި އޮތީ ނިމިފައި، އެމްޑީއޭވެސް ބާކީނުވެ އަވަހަށް އިދިކޮޅާ ގުޅޭ: އިބޫ

ރިޔާސީ އިންތިހާބު ގާތްގަނޑަކަށް އިދިކޮޅު ކޯލިޝަނަށް ކާމިޔާބުވެފައިވާ ކަމަށާއި ބާކީ ނުވެ އެމްޑީއޭއިންވެސް އިދިކޮޅު ކޯލިޝަނާ ގުޅި، އިއްތިހާދުން ގާއިމް ކުރާ ވެރިކަމުގެ ހިއްސާދާރަކަށްވުމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ގޮވާލައްވައިފި އެވެ.

އިބޫ މިގޮތަށް ވިދާޅުވެފައިވަނީ އެމްޑީއޭ އާއި ސަރުކާރާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް އެމްޑީއޭއިން އެއްވެސް ޕާޓީއަކާއެކު ކުރިއަށް ދާން އަދި ނުނިންމަ އެވެ. މި ކަންތައްތަކުގެ ތެރެއިން އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންފަ އެވެ.

ކެމްޕޭނަށް ށ. އަތޮޅަށާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނ. މާޅެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، އެމްޑީއޭގެ ކައުންސިލުން ވަކި ކޮޅަކަށް ނާރަން ނިންމާފައިވާ ކަމަށާއި ނަމަވެސް މިއީ އިދިކޮޅާ ގުޅެންވީ ވަގުތު ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާއިރު އޭގެ ބައިވެރިއަކަށް ވެވަޑައިގަންނެވުމަށް އިދިކޮޅު ކޯލިޝަނާއި އަވަހަށް ގުޅުމަށް އިބޫ ގޮވާލެއްވި އެވެ.

"އެމްޑީއޭގެ އިސްވެރިންނަށްވެސް އަޅުގަނޑު މި ގޮވާލަނީ މިއަދު، ތިބޭފުޅުން ވަކި ކޮޅަކަށް ނާރުއްވާ ނުތިއްބަވާ އަޅުގަނޑުމެންނާއި ގުޅިވަޑައިގަންނަވާ، މިކަމަކީ ގައުމީ ކަމެއް އަޅުގަނޑުމެން ކުރައްވާ، ގުޅިވަޑައިގެން މިކަން ނިންމަމާ ހިންގަވާށޭ، މިއީ އަނެއްހެން ދަންނަވާނަމަ ނިމިފަ އޮތް ކަމެއް، އެހެން ކަމުން މީގެ ބައިވެރިއެއްގެ ގޮތުގައި ބާކީނުވެ އަވަހަށް މިކަމުގައި ގައުމީ ހިދުމަތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން ސަރުކާރަށް ދައްކަމުންދާ ޓެކްސްއިން މި ސަރުކާރުން ދަނީ ވައްކަން ކުރަމުން ކަމަށެވެ. މިއަހަރު ނިމޭއިރު ދައުލަތަށް 19 މިލިއަން ރުފިޔާ ލިބޭނެ ކަމަށާއި އޭގެން އަސާސީ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށް ނުދެވެންވީ ސަބަބެއްނެތް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން އެދެނީ ބަދަލަކަށް ކަމަށާއި ކޮންމެ ރަށަކަށް އެރުމުންވެސް އިވެނީ އެއްވާހަކަތަކެއް ކަމަށެވެ. އެއީ އަދުލު އިންސާފު ގާއިމްކޮށް ދިނުން ކަމަށެވެ. އެކަމަކީ އިދިކޮޅު ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާނެ މަސައްކަތް ކަމަށާއި ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ނ. މާފަރަށް ވަޑައިގެން އިބޫ ވިދާޅުވީ، ފެންނަ މަންޒަރުތަކުން މިސަރުކާރުން އަންނަ ރިޔާސީ އިންތިހާބުގެ ވޯޓާ ކުޅެ ވޯޓު އޮޅުވާލަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ނަމަވެސް އެކަން އެގޮތަށް ކުރުމަށް ފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ފެންނަ މަންޒަރުތަކުން، މި ސަރުކާރުން ކުރަމުންދާ ކަންތައްތަކުން، ވޯޓާ ކުޅޭނެ. ވޯޓު އޮޅުވާލަން މަސައްކަތް ކުރާނެ. އެހެން ނަމަވެސް ފައިސާއިން ވައްކަން ކުރާ ގޮތަށް ވޯޓުން ވައްކަން ކުރިޔަ ދީގެން މިފަހަރު ނުވާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރަކީ ރާއްޖޭގެ ތާރީހުގައި ދުށް އެންމެ ފަސް އަހަރު ކަމަށާއި އެންމެ ގިނަ ކޮރަޕްޝަންތަކާއި ވައްކަންތައް ކުރި ސަރުކާރު ކަމަށެވެ. އަދި އެންމެ އަދުލު އިންސާފު ގެއްލިފައި އޮތް ފަސް އަަހަރު ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"މި ސަބަބުތަކަށްޓަކައި އެކުގައި ނިކުމެ މަސައްކަތް ކުރަން ޖެހުނީ، މި ކުރަނީ ސިޔާސީ މަސައްކަތަކަށްވުރެ ބޮޑަށް ގައުމީ މަސައްކަތެއް، އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަން ތާއީދުކޮށް މިތިބީ އެބޭނުމުގައި، އަޅުގަނޑުމެންގެ މަސައްކަތަކީ ހަމައެކަނި އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތަކެއް ހޯދުމެއްނޫން، މި ރާއްޖެ އަންނަންއޮތް ޖީލުތަކަށް އެބަ ޖެހޭ ގެންގޮސްދޭން، އެއަށްވުރެ ބޮޑު ޒިންމާއެއް، އެއަށްވުރެ ބޮޑު ވާޖިބެއް މިއަދު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބޮލުގައި އެޅިފައެއްނެތް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިދިކޮޅު ސަރުކާރެއް ގާއިމްވެއްޖެނަމަ ތަރައްގީއަށް ފަށާފައިވާ އެއްވެސް މަސައްކަތެއް ހުއްޓާ ނުލާނެ ކަމަށެވެ. މާފަރު އެއާޕޯޓްގެ މަސައްކަތް ނިންމައި އެއާޕޯޓަށް ބޭނުންވާ އެހެނިހެން އުމްރާނީ ތަރައްގީތައް ގެނެސްދީ ކަންކަން ހާސިލްކޮށްދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ކުރިއަށް އޮތ 13 ދުވަސް ކަމަށާއި ކުރަން ޖެހޭ މަސައްކަތްތައް ވަަރަށްވެސް ގިނަ ކަމަށެވެ. ފަރުވާ ކުޑަކޮށްލައިގެން ތިބެވެންނެތް ކަމަށެވެ. އަދި ގޭގެއަށް ގޮސް ވޯޓް ހޯދަންޖެހޭ ކަމަށާއި ވޯޓްލާ ދުވަހަށްވެސް ތައްޔާރުވާން ޖެހޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.