ޓީވީ ސީރީޒް

ދަރިއެއް ހޯދާނީ ބިގް ބޮސްއަށް ގޮސްފަ: ބާރްތީ

އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް" ގެ 12 ވަނަ ސީޒަން މި މަހު ދައްކަން ފަށާނެއިރު، އެންމެ ގިނަ ބައެއްގެ ސަމާލުކަން މިފަހަރު ހުއްޓިފައި ވަނީ އިންޑިއާގެ މަޝްހޫރު ކޮމެޑިއަން ބާރްތީ ސިންހު އަށެވެ. މި ސީޒަންގައި ބާރްތީއާއެކު އޭނާގެ ފިރިމީހާ ހާރްޝު ލިމްބަޗިޔާވެސް ބައިވެރިވާނެ އެވެ.

"ބިގް ބޮސް 12" ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބާރްތީ ބުނީ މި ޝޯއަށް އޭނާ ކެތްމަދުވެފައިވާ ކަމަށާއި އަދި ފިރިމީހާއެކު ކުއްޖެއް ހޯދަންވެސް މަޝްވަރާކުރަނީ މި ޝޯގެ ތެރެއިން ކަމަށެވެ. ބާރުތީ ބުނީ އާ ޝޯއަކަށް ދެމީހުން އެކުގައި ދާއިރު، ދެމީހުންވެސް މިހާރު ދިރިއުޅުމުގައި އިތުރު ހަރުފަތެއް ގިރާކުރަން ބޭނުންވާ ކަމަށެވެ.

އެ ދެމީހުން އެކުގައިވާ ވަނީ ރިއަލިޓީ ޝޯ "ކަތުރޯކޭ ކިލާޑީ" އަދި "ނަޗް ބަލިއޭ" އަށްވެސް ގޮސްފަ އެވެ.

ބިގް ބޮސްގައި ބައިވެރިވެފައިވާތީ ބާރްތީ ވަނީ އޭނާ ހޮސްޓުކުރަމުން އަންނަ ޝޯ، "އިންޑިއާސް ގޮޓް ޓެލެންޓް" ދޫކޮށްލާފަ އެވެ. ބާރްތީ ބުނީ އެކަމާއި ހިތާމަކުރާ ކަމަށާއި ފާއިތުވި ހަތަރު އަހަރު ހޮސްޓުކުރި އެ ޝޯއަކީ އަބަދުވެސް އޭނާއަށް ހާއްސަ ޝޯއަކަށް ވާނެ ކަމަށެވެ.

ސަލްމާން ޚާން ހޮސްޓުކުރާ "ބިގް ބޮސް 12" ލޯންޗުކުރީ މިދިޔަ ހަފްތާގަ އެވެ. އާ ސީޒަން ފެށުމުގެ ކުރިން، މި ސީޒަންގައި ފެނިގެންދާނެ ހުރިހާ ބައިވެރިންވެސް ވަނީ ހާމަކޮށްފަ އެވެ. މިއީ ބައިވެރިންގެ ނަންތައް މި ޝޯ ފެށުމުގެ ކުރިން ހާމަކުރި ފުރަތަމަ ފަހަރެވެ.