ހޮލީވުޑް

އޮގަސްޓު ނިމުނީ ހޮލީވުޑަށް ފިލާވަޅެއް ނަގައިދީފައި

އޮގަސްޓު މަހަކީ އާންމުގޮތެއްގައި ބޮޑެތި ފިލްމުތައް ހޮލީވުޑްގައި ރިލީޒްކުރާ މަހެއް ނޫނެވެ. އެއާކު ކުދި ބަޖެޓުތަކުގައި އުފައްދާ ހޮލީވުޑްގެ ފިލްމުތަކަށް އޮގަސްޓު މަހަކީ މުހިންމު މަހެކެވެ. ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ފަސޭހައިން ލިބޭވަރުވަނީ އޭރަށެވެ.

މިދިޔަ އޮގަސްޓު މަސް ނިމިގެންދިޔައީ ހޮލީވުޑަށް ރަނގަޅު ފިލާވަޅެއްވެސް ނަގައިދީފަ އެވެ. ނަސްލީ ތަފާތުކުރުންތައް ބޮޑު ހޮލީވުޑްގައި، މިދިޔަ މަހު އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ތިން ފިލްމަކީވެސް އޭޝިއާ ނަސްލަށް ނިސްބަތްވާ އެކްޓަރުން ލީޑު ކާސްޓަށް ލައިގެން ތައްޔާރުކުރި ފިލްމުތަކެވެ. މި ފިލްމުތަކުގެ ކާމިޔާބީ ފާހަގަކޮށް ހޮލީވުޑްގައި މަސައްކަތްކުރާ އޭޝިއާ ނަސްލުގެ މީހުނަށް ހިތްވަރުދިނުމަށް #އޭޝިއަންއޮގަސްޓް ގެ ނަމުގައި ހޭޝްޓެގެއްވެސް ވަނީ ބޭނުންކުރަން ފަށާފަ އެވެ.

ހުސް އޭޝިއާ ނަސްލުގެ އެކްޓަރުންގެ ކާސްޓަކާއެކު ވާނާ ބްރަދާސްއިން ގެނެސްދިން ރޮމޭޓިކް ކޮމެޑީ ފިލްމު "ކްރޭޒީ ރިޗް އޭޝިއަންސް" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 162 މިލިއަން ޑޮލަރު ލިބިފަ އެވެ. އެ ފިލްމު ގެނެސްދިނީ އޭޝިއާގެ އެކި ގައުމުތަކަށް ނިސްބަތްވާ އެކްޓަރުން ހިމަނައިގެންނެވެ.

"ކްރޭޒީ ރިޗް އޭޝިއަންސް" ޓްރެއިލާ.

ސޮނީ ސްކްރީން ޖެމްސްއިން ގެނެސްދިން ސަސްޕެންސް ފިލްމު "ސާޗިން" އަކީ މި ލިސްޓުގެ ދެ ވަނައިގައި އޮތް ފިލްމެވެ. މި ފިލްމުގައި ލީޑުން ފެނިގެންދަނީ ކޮރެއާއަށް ނިސްބަތްވާ އެމެރިކާގެ އެކްޓަރު ޖޯން ޗޯ އަދި މިޝޭލީ ލާ އެވެ. ހަމައެކަނި އެމެރިކާގައި އަދި ކޮރެއާގައި ސްކްރީނުކުރި މި ފިލްމަށް 32 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ރޮޓެން ޓޮމާޓޯގައި މި ފިލްމަށް 92 ޕަސެންޓުގެ ރޭޓިން ލިބިފައިވެ އެވެ.

"ސާޗިން" ޓްރެއިލާ.

ލިސްޓުގެ ތިން ވަނަގައި އޮތީ ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ޓު އޯލް ދި ބޯއިސް އައި ހޭވް ލަވްޑް ބިފޯ" އެވެ. ނެޓްފްލިކްސްއިން އެމީހުންގެ ކޮންޓެންޓުތަކަށް ލިބޭ ވިއުސް އާންމުނުކުރި ނަމަވެސް ސޯޝަލް މީޑިއާގައި މި ފިލްމުގެ ވާހަކަ ވަރަށް ގަދައަށްދެކެވި، ގިނަ ބައެއްގެ ތައުރީފުތައް ލިބުނެވެ. މި ފިލްމުގައި ލީޑުން ފެނިގެންދިޔައީ ވިއެޓްނާމަށް ނިސްބަތްވާ އޭޝިއާ ނަސްލުގެ އެމެރިކަން އެކްޓްރެސް ލާނާ ކޮންޑޯރް އެވެ.

"ޓު އޯލް ދި ބޯއިސް އައި ހޭވް ލަވްޑް ބިފޯ" ޓްރެއިލާ.

"އެންމެ މާތް" ނަސްލުގެ ގޮތުގައި ދެކޭ އެމެރިކާގެ ދޮން ނަސްލުގެ މީހުންގެ ފިލްމުތަކަށްވުރެ، މިދިޔަ މަހު ރިލީޒްކުރި އޭޝިއާ ނަސްލުގެ މީހުންގެ ފިލްމުތައް މާ ކާމިޔާބެވެ. ދޮން ނަސްލު ނޫން އެހެން ނަސްލަކަަށް ނިސްވަތްވާ މީހުން ލައިގެން ފިލްމެއް ތައްޔާރުކޮށްފިނަމަ ލިބޭ ތަރުހީބު ކުޑަވެދާނެ ކަމުގެ ބިރަށް، ހޮލީވުޑްގެ ޕްރޮޑިއުސަރުން އެހެން ނަސްލުތަކުގެ މީހުން ލައިގެން ފިލްމުތައް ތައްޔާރުކުރުމަށް ފަސްޖެހެ އެވެ.

އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ އެކްޓަރުންގެ ބޮޑު ކާސްޓަކާއެކު މި އަހަރު ޖެނުއަރީގައި ރިލީޒްކުރި ފިލްމު "ބްލެކް ޕެންތާ" ގެ ކާމިޔާބީއަކީވެސް ހޮލީވުޑްގެ ނަސްލީ ތަފާތުކުރުންތަކަށް ގޮންޖަހާލި ފިލްމެކެވެ.