ހޮލީވުޑް

"ދި ނަން" ބަލާފައި ބިރެއް ނުގަތް، އައީ ރުޅި

ކޮންޖުއަރިން ސިނެމަޓިކް ޔުނިވާސްގެ ފަސް ވަނަ ބިރުވެރި ފިލްމު "ދި ނަން" ރިލީޒްކުރީ މިދިޔަ ބުރާސްފަތީ ދުވަހު އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި ފިލްމު ދައްކަމުން އަންނައިރުގައި، ބެލުންތެރިންނާއި ކްރިޓިކުން އަންނަނީ ފިލްމަށް ތަފާތު ފާޑުކިޔުންތައް ކިޔަމުންނެވެ.

ވޯނާ ބްރަދާސް އިން ގެނެސްދިން މި ފިލްމާއި ގުޅޭގޮތުން ބެލުންތެރިންނާއި ކްރިޓިކުންވެސް ބުނަނީ އެއް ވާހަކައެކެވެ. މި ފިލްމު ބިރުވެރިއެއް ނޫނެވެ. ފިލްމު ބެލުމަށްފަހު އައީ ރުޅި ކަމަށާއި އަދި ގަޑިއިރެއްހާއިރުވީ ބޭކާރު ކަމަށެވެ.

އެންމެ ބޮޑު ޝަކުވާއަކަށްވީ ފިލްމުގެ ވާހަކަ ގެނެސްދީފައިވާ ގޮތް ހަމަނުޖެހޭކަމަށް ރިވިއުސްތަކުގައި ބުނެފައިވެ އެވެ. އަދި ފިލްމުން އެއްވެސް ކަހަލަ ބިރުވެރިކަމެއް އިހުސާސްނުވާ ކަމަށް ބުނެފައިވެ އެވެ. ރޮޓެން ޓޮމާޓޯގައިވެސް މި ފިލްމަށް ދީފައި ވަނީ އެންމެ 26 ޕަސެންޓުގެ ރޭޓިންއެކެވެ.

ބޮކްސް އޮފީހުގައި އެކަމަކު ކާމިޔާބު

ބެލުންތެރިންނާއި ކްރިޓިކުން ހިތްހަމަނުޖެހޭ ކަމަށް ބުނަމުންދާ ނަމަވެސް މި ފިލްމު ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބެވެ. ކޮންޖުއަރިން ސިނެމަޓިކް ޔުނިވާސްގެ ފިލްމުތަކުގެ ތެރެއިން އެމެރިކާގެ ބޮކްސް އޮފީހުގައި ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދީ މި ފިލްމުންނެވެ.

"ދި ނަން" ޓްރެއިލާ.

ފުރަތަމަ ހަފްތާ ބަންދުގައި މި ފިލްމަށް 53 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. މިއީ އެ ޔުނިވާސްގެ ފުރަތަމަ ފިލްމު "ދި ކޮންޖުއަރިން" ފަހަތަށް ޖައްސާލި ކާމިޔާބީއެކެވެ. ކޯރިން ހާޑީ ޑައިރެކްޓުކުރި މި ފިލްމަށް ފުރަތަމަ ދުވަހު އެކަނިވެސް 41 މިލިއަން ޑޮލަރު އާމްދަނީއެއް ލިބިފައިވެ އެވެ.