ފިނިޕޭޖް

ހެންރީ ގޯލްޑިންގެ އާ ފިލްމެއް މި މަހު

ހުސް އޭޝިއާ ނަސްލުގެ ކާސްޓެއް ހިމަނައިގެން، 25 އަހަރުފަހުން ފުރަތަމަ ފަހަރަށް ހޮލީވުޑުން ގެނެސްދިން ފިލްމު "ކްރޭޒީ ރިޗް އޭޝިއަންސް" އަކީ ހޮލީވުޑަށް ބޮޑު ފިލާވަޅެއް ނަގައިދިން ކާމިޔާބު ފިލްމެކެވެ. މިދިޔަ މަހު 15 ގައި ރިލީޒްކުރި، މި ފިލްމަށް ލިބުނު ތައުރީފާއި އެއްވަރަށް ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިންނަށް ލިބުނު ތައުރީފުތައްވެސް މަދެއް ނޫނެވެ.

ފިލްމުގެ ލީޑު ބަތަލް، ހެންރީ ގޯލްޑިންއަށް ތައުރީފުތައް ފުރަތަމަ ދުވަހުވެސް އޮއްސާލި އެވެ. ތަފާތު ޓްރެވެލް ޝޯތައް ހޮސްޓުކުރަމުން އައި ހެންރީގެ، މިއީ ފުރަތަމަ ފިލްމެވެ. އެކްޓިންގެ ދާއިރާއަށް އޭނާ ތައާރަފުވި އަލަތު ފިލްމެވެ. ފިލްމުގެ ކާމިޔާބީއާއި ލިބުނު ތަރުހީބާއެކު، އޭނާ މިހާރު ހުރީ ދެ ވަނަ ފިލްމަށް ތައްޔާރުގަ އެވެ.

މިދިޔަ ހޯމަ ދުވަހު ނިއު ޔޯކުގައި ޕްރިމިއާކުރި ހެންރީގެ އާ ފިލްމު "އަ ސިމްޕަލް ފޭވާ"، އާންމުކޮށް ރިލީޒްކުރާނީ މި މަހު 14 ގަ އެވެ. ޕޯލް ފީގް ޑައިރެކްޓުކުރާ ކްރައިމް ތުރިލާ މި ފިލްމަކީ ޕޯލްގެ އަލަތު ޑައިރެކްޝަންވެސްމެ އެވެ. ހެންރީއަށް މި ފިލްމު ލިބުނީ މިދިޔަ އަހަރު، "ކްރޭޒީ ރިޗް އޭޝިއަންސް" ގެ ޝޫޓިން ނިންމާލިތަނާހެންނެވެ.

ތަފާތު ޖޯންރާގެ ފިލްމުތަކަށް ތައްޔާރު

"ތަފާތު ރޯލަކުން މި ފިލްމުގައި ފެނިގެންދާނެ، އެކްޓިންގެ ދާއިރާއިން ކުރިއަށްދިއުމަށް މި ފެށި ދަތުރުގައި އިތުރަށް ކުރިއަށްދިއުމަށް ލިބުނު ރަނގަޅު ފުރުސަތެއް މިއީ، ފުރަތަމަ ފިލްމަށްފަހު ފަނޑުވެގެންދާކަށް ބޭނުމެއް ނޫން، ތަފާތު ސްޓައިލުގެ ރޯލުތައް ކުޅެގެން، ދެވުނު އެންމެ ކުރިއަކަށް ދާން ބޭނުމީ،" ފިލްމުގެ ޕްރިމިއާގައި ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުއެއްގައި ހެންރީ ބުންޏެވެ.

"އަ ސިމްޕަލް ފޭވާ" ޓްރެއިލާ.

އެކްޝަން ތުރިލާފަދަ ތަަފާތު ޖޯންރާތަކުގެ ފިލްމުތައް ކުޅުމަށް ތައްޔާރުގައި ހުރި ހެންރީއާއެކު މި ފިލްމުގައި ލީޑުން ފެނިގެންދަނީ އެނާ ކެންޑްރިކް އަދި ބްލޭކް ލިވްލީ އެވެ.