ހަބަރު

މާފުށިން ގޯތި ދޫކުރަން ފަށަނީ

ކ މާފުށިން މިއަދު ގޯތި ދޫކުރުމަށް އެންގި އެންގުމަށް ކައުންސިލުން އެއްބާރުލުން ދީފައި ނުވާތީ ގޯތި ދޫކުރަން އަންގާ ދެވަނަ ސިޓީ އަކާއެކު ހައުސިން މިނިސްޓްރީގެ ވަފުދެއް މާފުއްޓަށް ފޮނުވައިފި އެވެ.

މާފުށިން މިއަދު ގޯތި ދޫކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި އިއުލާންކުރައްވާފަ އެވެ.

ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް މީގެ އިރުކޮޅެއްކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާފުށިން ގޯތިދޫކުރުމަށް ފޮނުވި ސިޓީ، ދެ ހަފްތާ ވަންދެން ބޭއްވުމުން މިއަދު ހައުސިން މިނިސްޓްރީ އިން ދެވަނަ ސިޓީއަކާ އެކު އެ މިނިސްޓްރީގެ ވަފުދެއް އެރަށަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މާފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތީގެ މައްސަލައަށް ލުޔެއް ހޯދައދިނުމަކީ ރައީސް ޔާމީންގެ ވައުދުފުޅެއް ކަމަށެވެ.

މާފުށިން މިއަދު ގޯތި ދޫކުރާނެކަން އިއުލާންކުރައްވައި ރައީސް ރޭ ވިދާޅުވީ، އެރަށުން ގޯތި ދޫކުރަން ނިންމާފައިވަނީ، ކުޑަކުދިންގެ އަހުލާގު ރަނގަޅުކުރުމަށް މީގެ ސާޅީހަކަށް އަހަރު ކުރިން އެރަށުގައި އަޅާފައިވާ އިސްލާހިއްޔާ ހުންނަ ބިމުން ކަމަށެވެ. އެ ބިން މިހާރު ބޭނުން ނުކުރާ ބިމެއްގެ ގޮތުގައި އޮތް އިރު، އެ ބިން ސަރުކާރުން ދޫކޮށްލާކަން މީގެ ކުރިން މާފުއްޓަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

މާފުށިން ގޯތު ދޫކުރުމަކީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ވައުދުފުޅެކެވެ.