ހަބަރު

ލޯގަނޑާއި ހެލްމެޓު ގަންނަން ކިއޫ ދަމާލައިފި

Sep 12, 2018
3

ސިނަމާލޭ ބްރިޖަށް އެރުމުގެ ގަވައިދު ހަރުކަށި ކުރުމާއެކު، ސައިކަލާއި ލޯގަނޑު ގަތުމަށް މާލޭގެ ފިހާތަކުގައި ކިއު ހަދާލައިފި އެވެ.

ކިއޫ ހަދާލާފައި ވަނީ މާލެއިން ހުޅުލެ އަދި ހުޅުމާލެއަށް ދަތުރު ކުރުމުގައި ޓްރެފިކް ބެލެހެއްޓުން ވަރުގަދަކޮށް، އެއްގަމު އުޅަނދުފަހަރުގެ ގަވާއިދާ ހިލާފަށް ހުންނަ ވެހިކަލްތައް ބްރިޖަށް އެރުން މަނާ ކުރުމާ ގުޅިގެން އެވެ. އެގޮތުން ލޯގަނޑު ނުހުންނަ ސައިކަލާއި، ގަވާއިދުގައި ބުނާ އެހެން ވެސް ކަންކަން ފުރިހަަމ ނުވާ ސައިކަލި އަދި އުޅަނދުތައް ބްރިޖަށް ނުވަދެވޭނެ ގޮތަށް ބްލޮކް ކުރަން ފުލުހުން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓުތައް ބްރިޖާއި ހައިވޭގައި ހިނގަމުންދާތީ ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ހެލްމެޓު އަޅައިގެން ދުއްވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

އެގޮތަށް އަމަލު ކުރަން ފެށުމުން މާލޭގައި ހުންނަ ސައިކަލުގެ ސާމަނު ވިއްކާ ފިހާރަތަކުގައި ލޯގަނޑާއި ހެލްމެޓު ގަތުމަށް ކިއޫތައް ހަދަން ވަނީ ފަށައިފަ އެވެ. އެގޮތުން އިއްޔެ ވެސް އަދި މިއަދު ވެސް ފިހާރަތައް ވަނީ ފުރާލައިފަ އެވެ. އޭގެ އެއް ފިހާރައިން "އަވަސް"އާ ވާހަކަދެއްކި ކޮންމެ ދުވަހަކު އެތަށް ބަޔަކު ލޯގަނޑު ގަންނަން އަންނަ ކަމަށާއި ހެލްމެޓުތައް ވެސް ވަރަށް ގަދައަށް ވިކެމުން އަންނަ ކަމަަށެވެ.

"އަބަދުވެސް 15 - 16 އެއްހާ މީހުން ފިހާރަ ފުރާލާފައި މި އޮންނަނީ، ލޯގަނޑާ ހެލްމެޓު ވެސް މިހާރު ވަރަށް ވިކޭ،"
އޭނާ ބުންޏެވެ.

ބްރިޖަށް އަރަންދާ ގިނަ ސައިކަލުތަކުގައި ލޯގަނޑު ނުހުންްނާތީ މިހާރު މަޑު ކުރުމަށް ފަހު އަނބުރާ ފޮނުވާލަ އެވެ. ނަމަވެސް ހެލްމެޓު އަޅާކަށް އަދި މަޖުބޫރެއް ނުކުރުވަ އެވެ.