ހަބަރު

ގޮނޑިތަކާ ގުޅިގެން ރައީސް ޔާމީނަށް 12 މެމްބަރުންގެ ސުވާލެއް!

ގދ. ތިނަދޫގައި ރައީސް އަބުދުﷲ ޔާމީން ދާދިފަހުން ދެއްކެވި ވާހަކަތަކުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލަން އެންމެ ބޮޑު މަސައްކަތެއް ކޮށްފައިވަނީ އެމަނިކުފާނުކަމަށް ވިދާޅުވެފަ އެވެ. މިކަމާއި ގުޅިގެން އެ 12 މެމްބަރުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މެމްބަރުން މިވަނީ ރައީސް އަބުދުﷲ ޔާމީނަށް ސުވާލެއް އަމާޒުކުރައްވާފަ އެވެ.

އެގޮތުން ގޮނޑި ގެއްލިފައިވާ ކަމަށްބުނާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވުމަކީ ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ކުރުމަށް ރާއްޖޭގެ ގާނޫނީ ނިޒާމް ތަންދޭ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އެމަނިކުފާނަށް ގޮނޑިތައް ގެއްލުވާލުމުގެ އިހުތިޔާރާއި ބާރު، ލިބިވަޑައިގެންނެވީ ކޮން ގާނުނަކުންތޯ ސާފުކޮށްލަދިނުމަށް އެދޭކަމަށެވެ.

"ދިވެހި ރާއްޖޭގެ ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލިހަށް އިންތިހާބު ކުރާ މެމްބަރުންގެ ގޮނޑި ގެއްލުވާލުން ނުވަތަ އެ މެމްބަރުން މެމްބަރުކަމުން ވަކި ކުރުން. މި ކަންކަމާއި ގުޅޭގޮތުން ޔާމީނަށް ލިބިދީފައި އޮތް ގާނޫނީ ހައިސިއްޔަތު ނުވަތަ އެ ވިދާޅުވިގޮތަށް މެމްބަރުންގެ ގޮނޑިތަށް ގެއްލުވާލުމުގެ ބާރު ޔާމީނަށް މި ލިބިދިނީ ކޮން ގާނުނަކުންތޯ މިކަންކަން އަޅުގަނޑުމެންނަށް ސާފުކޮށްދޭން އެބަޖެހޭ." އަމީތު ވިދާޅުވިއެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވިދާޅުވީ، މިކަންކަމާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ ނުކުރާނެ ގޮތަކީ ނެތް ގޮތެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ބައެއް ވާހަކަތަށް ހުންނަ ގޮތުން އިސްލާމިކް މިނިސްޓްރީއާއި، ފަތުވާ ކޮމިޓީން އެއްޗެއް ވިދާޅުނުވާތީ އެކަމާ ކަންބޮޑުވާކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބު އިދިކޮޅު ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއާއި، ރަނިންމޭޓް ފައިސަލް ނަސީމް ކާމިޔާބު ކުރެއްވުމަށް އެ 12 މެމްބަރުން އަޑު ކަނޑުވާނުލައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީން ގދ. ތިނަދޫގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައި މިވަނީ 12 މެންބަރަކު ޕީޕީއެމްއިން ވަކިވުމުން ކަމަށެވެ. ޕީޕީއެމް ނިކަމެތިކޮށްލީ އެބޭފުޅުން ކަމަށާއި އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އެއްވެސް ހަމްދަރުދީއެއް ނޯންނާނެ ކަމަށެވެ. ރައީސްކަމުގައި ހުންނެވިހާ ދުވަހަކު އެ ނިކަމެތިކަން ކުރިމަތި ކުރުވި މީހުންގެ މައްސަލަ އެއްގޮތަކަށް ވެސް ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވި އެވެ. ޕީޕީއެމް ދޫކޮށްލާފައި ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެންބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް އެމަނިކުފާނު ކުރެއްވީ ވެސް އެ ސަބަބާ ހެދި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އައި ނިކަމެތި ކަމަކީ އެއްވެސް ގޮތަކަށް އަޅުގަނޑުގެ ޒައާމަތުގައި ހުރެގެން ފަސޭހަ ކަމާއެކުގައި ދޫކޮށްލާނެ ކަމެއް ނޫން، ހަމަ އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ އެންމެންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތްތަކެއް ކުރީ އަޅުގަނޑު، ﷲ އަޅުގަނޑަށް ތައުފީގު ދެއްވި، އެ މީހުންގެ ގޮނޑިތައް އެ ގެއްލިގެން ދިޔައީ،" ރައީސް ޔާމީން ވިދާޅުވި އެވެ.