ހަބަރު

ރައީސްގެ ދަތުރު ނިމުމުން އަމީތާއި އަބްދުﷲ ދޫކޮށްލައިފި

އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާމެދު ސުވާލު އުފައްދާފައިވާ ދެ މެންބަރުން ކަމަށްވާ މުހައްމަދު އަމީތާއި އަބްދުﷲ އަހުމަދު ދޫކޮށްލައިފި އެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި އަމީތުގެ އުފަން ރަށް ގދ. ގައްދޫއަށް ތިއްބަވައިނިކޮށެވެ.

އަމީތާއި އަބްދުﷲ ހައްޔަރުކުރީ އެ ރަށަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަން ކުޑަތަންވެފައިވަނިކޮށެވެ. އެ ބޭފުޅުން ހައްޔަރުކުރީ ރައީސްގެ ދަތުރުފުޅަށް ހުރަސް އަޅަން ހަރަކާތެއް ހިންގަން އުޅުމުގެ ތުހުމަތުގަ އެވެ.

ރައީސް ގައްދޫއަށް ވަޑައިގެން އެ ރަށުގައި ޖަލްސާ ބޭއްވީ މިއަދު ހަވީރު އެވެ. އަމީތާއި އަބްދުﷲ ދޫކޮށްލީ ރައީސް އެ ރަށުން ފުރާވަޑައިގެންފަހުންނެވެ.

ގައްދޫއަށް އަމީތާއި އަބްދުﷲ ވަޑައިގެންނެވީ ރައީސްގެ ދަތުރުފުޅާ ދިމާކޮށް އެ ރަށުގައި އިދިކޮޅު ޕާޓީތަކަށް ތާއިދު ހޯދުމަށް ކެމްޕެއިން ކުރެއްވުމަށެވެ. މާދަމާ ރައީސް ގދ. ތިނަދޫއަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ. އަބްދުﷲއަކީ ތިނަދޫގެ މެންބަރެކެވެ.