ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި މައްސަލާގައި އިލެކްޝަން ކޮމިޝަން، އީސީގެ ނިންމުން އަނެއްކާވެސް ބަދަލުވެއްޖެ އެވެ. އިލެކްޝަން ކޮމިޝަނުން ސްޓޭންޑް ބަދަލުކޮށްފައިވާކަން ހާމަކުރީ މިއަދު ސުޕްރީމް ކޯޓުގަ އެވެ.
މިއަދު ސުޕްރީމް ކޯޓުގައި އޮތީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލާގެ އަޑުއެހުމެވެ. އެ މައްސަލާގައި މިއަދު އިލެކްޝަން ކޮމިޝަންގެ ވަކީލް ވިދާޅުވީ އަބްދުﷲއާމެދު ސުލޫކީ ފިޔަވަޅު އަޅައި ޕާޓީގެ ދަފުތަރުން ވަކިކޮށް ދޭން ޕީޕީއެމްއިން އެދިފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.
އެގޮތަށް އެދުމުން އަބްދުﷲ ޕީޕީއެމްގެ ދަފުތަރުން އުނިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އެންގީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. އިލެކްޝަން ކޮމިޝަނުން ދެކޭ ގޮތަކީ ޕާޓީއަކުން މެންބަރަކު ވަކިވާނީ އެ މެންބަރެއްގެ ނަން ދަފުތަރުން އުނިކުރާ ދުވަހުން ކަމަށާއި އެހެންވެ އަބްދުﷲގެ މެންބަރުކަން ގެއްލުނީ ސެޕްޓެމްބަރުގެ މަހުގެ ފަސް ވަނަ ދުވަހު ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ އެ ތާރިހަކީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނޫނީ ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ނެރުނު ފްލޯ ކްރޮސިންގެ ހުކުމްގެ ފަހުގެ ތާރީހަކަށްވާތީ ގޮނޑި ގެއްލޭނެ ކަމަށް ވަކީލް ވިދާޅުވި އެވެ. އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެހެންވެ، އަބްދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް ކަނޑައަޅައިދޭން ވަކީލް އެދުނެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން މީގެ ދުވަސް ކޮޅެއް ކުރިން އިލެކްޝަން ކޮމިޝަނުން އަބްދުﷲގެ މައްސަލަ އަލުން ރިވިއުކޮށް ނިންމި ނިންމުމަށްވީ ކިހިނެއްތޯ އުއްތަމަ ފަނޑިޔާރު އެއްސެވި އެވެ.
އަބްދުﷲއާ ގުޅިގެން އިލްޝަން ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމެއްގައި އަބްދުﷲގެ ގޮނޑި ގެއްލިފައިވާ ކަމަށް ކުރިން އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ބަދަލުކޮށް އާ ގޮތެއް ވަނީ ނިންމާފަ އެވެ. އެ ނިންމުމުގައި ބުނެފައިވާ ގޮތުން ފްލޯ ކްރޮސިންގެ ހުކުމްގައިވާ އެއްވެސް ހާލަތެއް އަބްދުﷲގެ މައްސަލާގައި މެދުވެރިއެއް ނުވެ އެވެ. ނަމަވެސް މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން އިތުރު ގޮތެއް ނިންމުމުގެ އިހްތިސޯސެއް ސުޕްރީމް ކޯޓަށް ނޫނީ ނޯންނާނެ ކަމަށް ބުނެ އެ
ނިންމުން ވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ ސުވާލަށް ޖަވާބު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ވަކީލް ވިދާޅުވީ އެ ނިންމުމުގެ ވާހަކަ ނުދައްކަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާތީ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ނިންމުން ބާތިލްކުރީ އިހްތިސޯސް ބޭރުގެ ކަމެއް ކަމަށްވާތީ ކަމަށެވެ. އެހެންވީ ނަމަވެސް އިލެކްޝަންގެ ސްޓޭންޑް އެގޮތުގައި އޮންނަން ޖެހޭ ނޫންތޯ އުއްތަމަ ފަނޑިޔާރު އެއްސެވި އެވެ. އަދި އެ ސްޓޭންޑް މިހާރު އަނެއްކާވެސް ބަދަލުވީތޯ ވެސް އެއްސެވި އެވެ.
އިލެކްޝަން ކޮމިޝަންގެ ވަކީލް ދެން ވެސް ވިދާޅުވީ މިހާރު ކުރީގެ ނިންމުމާއެކު ކުރިއަށް ދާން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ފަނޑިޔާރު ދެން ސުވާލު އެއްސެވީ ޕާޓީއިން ވަކިވާ އުސޫލާ ގުޅޭ ގޮތުންނެވެ. އެގޮތުން ޕާޓީއިން ވަކިވަނީ ދަފުތަރުން އެމީހަކު އުނިކުރާ ދުވަހުން ފެށިގެން ކަމަށް ބަޔާންކޮށްފައިވޭތޯ އެއްސެވި އެވެ. ވަކީލް ވިދާޅުވީ އެގޮތަށް އެއްވެސް ގާނޫނެއް އަދި ގަވައިދެއްގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ދެކެނީ ޕާޓީއިން ވަކި ވާނީ ދަފުތަރުން އުނިކުރާ ދުވަހުން ފެށިގެން ކަމަށެވެ.
އެކަމާ ގުޅިގެން އަބްދުﷲގެ ވަކީލް އިބްރާހިމް ރިފްއަތު ވިދާޅުވީ ހަތަރު މެންބަރުންގެ މައްސަލާގައި މި ހަފުތާ ތެރޭގައި އިއްވި ހުކުމްތަކުގައި އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަޟައީ ނިންމުމެއް ނިންމާފައިވާ ކަމަށެވެ. އެ ހުކުމްތަކުގައި ބުނެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވައިދަށް ބަލާއިރު ޕާޓީއިން ވަކިވާން އެދޭ ހިސާބުން އެ މެންބަރެއް ޕާޓީއިން ވަކިވާނެކަން އެނގެން އޮންނަ ކަމަށެވެ.
ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން މެންބަރު ކަމުން ވަކިވާން އެދޭ ހިސާބުން އެ މެންބަރަކު ޕާޓީއިން ވަކިވާނެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއިން މެންބަރުން ވަކިވާނެ ގޮތްތައް ބަޔާންކޮށްފައި އޮންނަން ޖެހޭނީ ޕާޓީތަކުގެ އަސާސީ ގަވާއިދުގަ އެވެ.
އެގޮތުގެ މަތިން މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު އަބްދުﷲ ވަނީ ޕީޕީއެމްއިން ވަކިވާން ސިޓީ ހުށަހަޅުއްވާފަ އެވެ. އެ ސިޓީ ޕީޕީއެމްއިން ބަލައިގަތްކަން އެނގޭ ލިޔުމެއް ވެސް އަބްދުﷲގެ ފަރާތުން ހުށަހެޅި އެވެ. އެ ސިޓީގެ އިތުރުން އިލެކްޝަން ކޮމިޝަނަށް ވެސް ދަފުތަރުން ވަކިކޮށް ދޭން އެދި އަބްދުﷲ ޖުލައި މަހުގެ 11 ވަނަ ދުވަހު ސިޓީ ހުށަހެޅުއްވި އެވެ.
އިލެކްޝަން ކޮމިޝަންގެ ވަކީލް ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ފޮނުވި ސިޓީއަށް ޖަވާބު ދީފައިވާނެ ކަމަށާއި ޕާޓީއިން ވަކިވާން އޮންނަ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް އަންގާފައިވާނެ ކަމަށެވެ. އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭނީ ޕާޓީއިން 14 ދުވަސް ތެރޭގައި ޖަވާބެއް ނުދީފިނަމަ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ޕީޕީއެމްއިން އަބްދުﷲގެ ސިޓީއަށް އެއްވެސް ޖަވާބެއް ދެއްވިތޯ އައްސަވާފަ އެވެ. އަބްދުﷲގެ އަނެއް ވަކީލް މަސްތޫރު ހުސްނީ ވިދާޅުވީ ޕީޕީއެމްއިން ސިޓީއަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ. އަބްދުﷲ އެދިފައިވަނީ ވީއެންމެ އަވަހަކަށް އެ ޕާޓީއިން ވަކިކޮށް ދިނުމަށް ކަމަށެވެ.
އެ ސިޓީއަށް ޖަވާބު ދިނުމެއް ނެތި މާފަހުން ސުލޫކީ ފިޔަވަޅެއް އަބްދުﷲގެ މައްޗަށް އެޅީ ކަމަށާއި އެ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ކުރެއްވި ސޮއި ޕީޕީއެމްއިން އެންގި ގޮތަށް ނުނެގުމުން ކަމަށް މަސްތޫރު ވިދާޅުވި އެވެ. ނަމަވެސް މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި ސޮއި ކުރެއްވީ ވެސް ފްލޯ ކްރޮސިންގެ ހުކުމްގެ ކުރިން ޖުލައި މަހުގެ ތިންވަނަ ދުވަހު ކަމަށް މަސްތޫރު ވިދާޅުވި އެވެ.
މަސްތޫރު ވިދާޅުވި ގޮތުގައި ފްލޯ ކްރޮސިންގެ ހުކުމާއި ހަތަރު މެންބަރުންގެ މައްސަލާގައި މި ހަފުތާ ސުޕްރީމް ކޯޓުން އިއްވި ހުކުމުން މާޒީގައި ހިނގާފައިވާ ކަމަކަށް ފްލޯ ކްރޮސިންގެ ހާލަތްތައް އެޕްލައި ނުކުރެވޭނެކަން ވަރަށް ސާފުކޮށް
އެނގެން އޮންނަ ކަމަށެވެ.
ދެ ފަރާތުން ވެސް މައްސަލާގައި ފާހަގަކުރަން ހުރި ކަންކަން ފާހަގަކޮށް ނިމުން މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައްވާފަ އެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ މައްސަލާގައި ވަރަށް އަވަހަށް ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.