އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުވާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހްގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.
މެންބަރު މުސްތަފާ އާއި ޝާހްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އެއީ ޕީޕީއެމްއިން އެ ދެ މެންބަރުންގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އަޅައި ޕާޓީއިން ވަކިކޮށް އެކަން ކޮމިޝަނަށް އެންގުމުންނެވެ. އެ ސުލޫކީ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ގަރާރުގައި ކުރެއްވި ސޮއި އަނބުރާ ނަގަން އެންގުމުން އެ ސޮއި ނުނެގުމުންނެވެ. އެ ސޮއި ކުރެއްވީ ޖުލައި މަހުގެ ތިންވަނަ ދުވަހު އެވެ.
އެ ފިޔަވަޅު މުސްތަފާ އާއި ޝާހްއަށް އެޅީ ޕީޕީއެމްއިން ވަކިވާން ހުށަހަޅާފައިވަނިކޮށެވެ. ޕީޕީއެމްއިން ވަކިވާން މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ދެ މެންބަރުން ވެސް ސިޓީ ހުށަހެޅުއްވި އެވެ. އަދި އެ ދުވަހު އިލެކްޝަން ކޮމިޝަނަށް އެކަން އަންގައި ސިޓީ ހުށަހެޅުއްވި އެވެ. އެއީ އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރި އެވެ. އެ ހުކުމް އިއްވީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން މިއަދު ދެ މެންބަރުންގެ މައްސަލާގައި ވަކިވަކިން އިއްވި ހުކުމުގައި މުސްތަފާ އާއި ޝާހުގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އޭނާގެ މައްޗަށް ޕީޕީއެމްއިން ފިޔަވަޅު އަޅާފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ގަރާރުގެ ސޮއިކުރުމުން ކަމަށްވީ ނަމަވެސް، އެ ގަރާރުގައި އޭނާ ސޮއިކުރީ ފްލޯ ކްރޮސިންގެ އުސޫލު ތައާރަފްކުރުމަށް ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު އަމުރުގެ ކުރިން ކަމަށްވާތީ އެވެ. އެ ހުކުމަކީ މާޒީއަށް ރުޖޫއަ ނުކުރެވޭނެ އަދި އެ ހުކުމްގެ ކުރިން މެންބަރަކު ކުރި އަމަލެއްގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ހުކުމްގައިވާ އުސޫލުތައް އެ މެންބަރެއްގެ މައްޗަށް ނުފެތޭނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.
ޕީޕީއެމްއިން އަސާސީ ގަވައިދުން މެންބަރަކު ޕާޓީއިން ވަކިވި ކަމަށް ބަލާނީ، އެ މެންބަރަކު ޕާޓީއިން ވަކިވުމަށް ސިޓީ ހުށަހަޅާ ހިސާބުންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި މެންބަރު މުސްތަފާ އާއި ޝާހު ޕާޓީއިން ވަކިވެފައި ވަނީ ފްލޯކްރޮސިންގެ އަމުރުގެ ކުރިން ކަމަށް ވެސް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޕީޕީއެމްއިން ވަކިވާން މުސްތަފާ އާއި ޝާހު ހުށަހެޅި ސިޓީއަށް އެއްވެސް ބެލުމެއް ނެތި، އޭނާގެ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ހުކުމްގައިވެ އެވެ. އިލެކްޝަން ކޮމިޝަނުން ވެސް އޭނާގެ ނަން ޕާޓީގެ ދަފްތަރުން އުނިނުކޮށް ހިފެހެއްޓި ހިފެހެއްޓުމަކީ ދުސްތޫރީ ހަމަތަކުން ހިންގާފައިިވާ ކަމެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައި އިތުރަށް ބުނެފައިވާ ގޮތުގައި މެންބަރަކު ޕާޓީއިން ވަކި ކަމަށް ބަލަނީ ޕާޓީގެ ދަފްތަރުން އުނި ކުރުމުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނި ނަމަވެސް އެފަދަ ގޮތަކަށް ބުނާ އިބާރާތެއް ސަރީހަކޮށް އަދި ނުސީދާކޮށް ވެސް ގާނޫނުގައި ނެތެވެ. ދަފްތަރުން ނަން އުނިނުކޮށް އޮތުމުން އޭނާއަކީ މެންބަރެއް ނޫން ކަމަށް ބެލުމުގެ ހައްގު މުސްތަފާ އާއި ޝާހުގެ އަތުން ގެއްލިފައިވާ ކަމަށާއި ގާނޫނުތަކުން ލިބޭ މަންފާ އެންމެންނަށް ވެސް އެއް ހަމައެއްގައި ލިބެންޖެހޭނެކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
މުސްތަފާ އާއި ޝާހުގެ އިތުރުން އިއްޔެ ވަނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަގަނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.
އޭގެއިތުރުން 12 މެންބަރުންގެ ތެރެއިން މީގެކުރިން ވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ އަބްދުލް ލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފަ އެވެ.
ބާކީ ތިބި ދެ މެންބަރުން ކަމަށްވާ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲގެ ގޮނޑީގެ މަައްސަލާގައި ވެސް މިއަދު ގޮތް ނިންމާނެ އެވެ.