ދުނިޔެ

ނޫސްވެރިން ޖަލަށްލުން ސޫޗީ ދިފާއުކުރައްވައިފި

Sep 13, 2018

މިޔަންމާގެ ރާޚައިން ސްޓޭޓުގައި ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ އެގައުމުގެ ސިފައިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި އޮޕަރޭޝަނުގައި ހިންގި ގަތުލު އާންމު ރިޕޯޓްކުރި ދެ ނޫސްވެރިއެއްގެ މައްޗަށް އިއްވި ޖަލު ހުކުމް މިޔަންމާގެ ލީޑަރު އަންސަން ސޫޗީ ދިފާއުކުރައްވައިފި އެވެ.

ދައުލަތުގެ ސިއްރުތައް ގާނޫނާއި ހިލާފަށް ހޯދިކަމުގެ ތުހުމަތުގައި ރޮއިޓާސްގެ ދެ ނޫސްވެރިން ހައްޔަރު ކުރީ މިދިޔަ އަހަރު ފަހުކޮޅެވެ.

އެ ރިޕޯޓާއި ގުޅިގެން އެ ދެ ނޫސްވެރިންގެ މައްޗަށް ކުށްސާބިތުވާކަމަށް ކަނޑައަޅައި، އެ ދެ މީހުން ހަތް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

އެކަމާއި ގުޅިގެން ސޫޗީ ވިދާޅުވީ އެ ދެ ނޫސްވެރިން ޖަލަށްލާންޖެހުނީ ގާނޫނާއި ހިލާފުވުމުން ކަމަށާއި، އެކަމާއި ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެސް ގުޅުމެއްނެތް ކަމަށެވެ.

ވިއެޓްނާމްގައި ބޭއްވި ބައިނަލްއަގުވާމީ އިކޮނޮމިކްސް ކޮންފަރަންސެއްގައި ވާހަކަފުޅު ދައްކަވަމުން ސޫޗީ ވިދާޅުވި ގޮތުގައި، ނޫސްވެރިން ޖަލަށްލުމާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން، ކޯޓުން ކުރި ހުކުމް ރަނގަޅަށް ކިޔާފައިވެސް ނުވާ ކަމަށެވެ.

އަދި ހުކުމް ގޯސްކަމަށް ގަބޫލުކުރެވޭނެ، އެ ދެ ނޫސްވެރިންނަށް ވެސް އިސްތިއުނާފު ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ސޫޗީ ވިދާޅުވި އެވެ.

ރޯހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާ ސިފައިން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން، 1991 ވަނަ އަހަރު ނޮބެލް ޕީސް ޕްރައިޒް ލިބިވަޑައިގެންފައިވާ ސޫޗީ އެއްވެސް އެއްޗެއް ވިދާޅުނުވާތީ، އެކަމަނާއި އިސްތިއުފާ ދެއްވުމަށް އދ. އިން ވެސް ވަނީ ދާދިފަހުން ގޮވާލައްވައިފަ އެވެ.

ހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓް އާއްމުންނާއި އެގައުމުގެ ސިފައިން ދަނީ 2012 ވަނަ އަަހަރުން ފެށިގެން ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުންް މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް ހިންގާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފައެވެ.

ރަކީން ސްޓޭޓްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ފެށުނީ ރޯހިންޔާ ދަރިކޮޅުގެ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ދިން ހަަމަލާތަކަކާ ގުޅިގެންނެވެ. އެހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ވަނީ ރޯހިންޔާ ދަރިކޮޅުގެ އާއްމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ. އެގޮތުން އާއްމުންގެ އެތައް ބަޔަކު މަރާލައި އެތައް އަވަށެއް ވަނީ އަންދާލާފައެވެ.