ދުނިޔެ

މިއަންމާގައި އިންތިގާލީ ސަރުކާރެއް

އަސްކަރިއްޔާއިން މިއަންމާއަށް ގެނައި ބަޣާވާތެއްގައި ވެރިކަމަށް ވަޑައިގެން ހުންނެވި އަސްކަރީ ލީޑަރު އިންތިގާލީ ސަރުކާރެއް އުފައްދަވައިފި އެވެ.

މިއަންމާގައި މިހާރު ވެރިކަން ހިންގާ ސްޓޭޓް އެޑްމިނިސްޓްރޭޝަން ކައުންސިލުން ބުނީ ވަގުތީ ބޮޑުވަޒީރަކީ، ކޮމާންޑާ އިން ޗީފް އޮފް ޑިފެންސް ސާވިސަސް، ސީނިއާ ޖެނެރަލް މިން އަން ލައިން ކަމަށެވެ.

ސްޓޭޓް އެޑްމިނިސްޓްރޭޝަނުން ބުނީ އިންތިގާލީ ސަރުކާރެއް ގާއިމުކުރީ އިންތިހާބަށް މަގުފަހިކުރަން ކަމަށާއި މަގާމުތަކަށް މިވަގުތަށް ބޭނުންވާ ވަރަށް ވަޒީފާތައް އުފައްދާނެ ކަމަށެވެ. އަދި ބޮޑުވަޒީރުގެ ޑެޕިޔުޓީގެ މަގާމަށް ޖެނެރަލް ސޯވިން ހަމަޖައްސާފައިވާ ކަމަށެވެ.

އަސްކަރިއްޔާއިން މިއަންމާގެ ވެރިކަން ޖަހައިގަތުމަށް ބުނަމުން ގެންދަނީ މިނިވަން އިންތިހާބެއް ބާއްވާނެ ކަމަށެވެ. އެހެންނަމަވެސް ތާރީޚެއް ކަނޑަނާޅައި ދިގުދެންމުމަށް ފަހު މިހާރު ބުނަނީ އެންމެ އަވަހަށް ވެސް އިންތިހާބެއް ބޭއްވޭނީ 2023 ގައި ކަމަށެވެ.

ސްޓޭޓް އެޑްމިނިސްޓްރޭޝަނުން މިއަހަރު ފެބްރުއަރީގައި ވެރިކަން އަތުލައިގަނެ އެވަގުތު ސަރުކާރު ހިންގަން ތިއްބެވި އޮފިޝަލުންގެ ތެރެއިން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މިއަންމާގައި ވެރިކަން ވައްޓާލުމާ ގުޅިގެން ހިނގާދިޔަ ހާދިސާތަކުގައި އާންމުން މަގުތަކަށް ނިކުމެ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އާންމުން ފުލުންނާ ކުރިމަތިލުމުގެ ސަބަބުން 940 މީހުން މަރުވެފައިވާ ކަމަށް ޕޮލިޓިކަލް ޕްރިޒަނާސް އެސޯސިއޭޝަނުން ބުނެ އެވެ.