މިއަންމާގައި ވެރިކަމަށް ގަދަވެގަނެގެން ތިބި އަސްކަރީ ޖެނެރަލުންނަށް ދެން ވުން އެންމެ ގާތީ އީރާގުގެ ސައްދާމް ހުސައިން އަދި ލީބިއާގެ މުއައްމަރު ގައްޒާފިއަށް ވީގޮތް ކަމަށް ޑރ. ސާސާ ވިދާޅުވެއްޖެ އެވެ.
ސާސާ އަކީ މިއަންމާގެ ރައްޔިތެކެވެ. މެޑިކަލް ޑޮކްޓަރެކެވެ. އަދި އދ. އިން ކަނޑައަޅުވާފައި ހުންނަވާ ހާއްސަ ސަފީރެކެވެ.
ސާސާ ވިދާޅުވީ އެމީހުން އެ ހިނގަނީ އަނިޔާވެރި ފިޔަވަޅުތަކެއްގެ މަތީގައި ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބާރުތަކުން މިއަންމާއަށް އަރައި އެމީހުންނާ ހަމަކުރުމުގެ ކުރިން ޖެނެރަލުންނަށް ޖެހިފައި ވަނީ ގޮތް ދޫކޮށް ސުލްހަވުން ކަމަށާއި ހައްޔަރުކޮށްފައި ތިބި ވެރިން ދޫކޮށްލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން އާންމުންނަށް މިހާރު ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ވެސް ނެތް ކަމަށެވެ.
މިއަހަރު ފެބްރުއަރީ 1 ގައި އަސްކަރީއްޔާއިން ގެނައި އިންގިލާބުގައި މަދަނީ ވެރިކަން ވައްޓާލުމާ ގުޅިގެން ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި 180 އަށް ވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް ޚަަބަރު އޭޖެންސިތަކުން ރިޕޯޓްކުރެ އެވެ.
ސާސާ ވިދާޅުވީ އިންޑިއާ، ޗައިނާ، އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕުން ގުޅިގެން މިއަންމާ ޖެނެރަލުންނަށް ބާރު ބޮޑުކުރަން ޖެހިފައިވާ ކަމަށެވެ. އެނޫން ގޮތެއްގައި އޮތީ އުސާމާ ބިން ލާދިން ފަދަ ހަނގުރާމައިގެ ކުށްވެރިންނަށް ވީގޮތް ކަމަށެވެ.
"މިއަންމާއާ ގާތް އަވަށްޓެރިން އެބަޖެހޭ ހަރަކާތަށް ނިކުންނަށް. ވާޖިބު އަދާ ކުރަން،" ސާސާ ވިދާޅުވި އެވެ. "އެހެން ނޫނީ ދެން ފެންނާނީ މިޒަމާން ދެކޭ އެންމެ ބޮޑު ދާޚިލީ ހަނގުރާމަ ފެށޭތަން" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެން ބޭނުމެއް ނޫން ބަޔާންތަކެއް،" ސާސާ ވިދާޅުވި އެވެ. "މަޝްވަރާ ކުރެވިއްޖެ. ޚިޔާލު ހޯދިއްޖެ. ދެން އޮތީ އަމަލީ މައިދާނަށް ނިކުތުން" އޭނާ ވިދާޅުވީ މިއަންމާގައި ސުލްހަ ގާއިމުކުރަން ގައުމުތަކުން އާނބަސް ބުނަންވީ ކަމަށެވެ.