ދުނިޔެ

ޓެލެކޮމް ވެރިން ގައުމުން ބޭރުވުން މަނާ ކޮށްފި

މިއަންމާގައި ވެރިކަންކުރާ އަސްކަރީ ޖެނެރަލުން ޓެލެކޮމް ކުންފުނިތަކުގެ ވެރިންނަށް އިންޒާރު ދީފި އެވެ. އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓެލެކޮމް ކުންފުނިތަކުގެ ސީނިއާ ފެންވަރުގެ އެއްވެސް ވެރިއަކު ހުއްދަނެތި ގައުމުން ބޭރުވުމަކީ މަނާ ކަމެއް ކަމަށެވެ.

މި އަންމާގެ ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓާ ގުޅުން ހުރި މީހަކު ލީކު ކުރި ލިޔުމެއްގައި ބުނެފައި އޮތީ މިއަންމާގެ ރައްޔިތެއް ނުވަތަ ބޭރު ގައުމެއްގެ މީހަކު ނަމަވެސް ޓެލެކޮމް ޑިޕާޓްމަންޓްގައި ސީނިއާ މަގާމެއް އަދާކުރާ ނަމަ ގައުމުން ބޭރު ވެވޭނީ ހާއްސަ ހުއްދައެއް ހޯދައިގެން ކަމަށެވެ.

ޓެލެކޮމް ކުންފުނިތަކަށް އަސްކަރީ ވެރިން ފޮނުވި ލިޔުމެއްގައި ބުނެފައި ވަނީ އަސްކަރިއްޔާއަށް ބޭނުން ޖެހިގެން އިންސްޓޯލް ކުރަން އެންގި ޓެކްނޮލޮޖީ ޖުލައި ފަހެއްގެ ކުރިން ބޭނުން ކުރެވޭ ގޮތް ހަދައި ދޭން ޖެހޭ ކަމަށެވެ. އެއީ ފޯނުކޯލާއި މެސެޖް އަޑުއެހުމާއި ވަކި ބަޔަކު ވަދެ އުޅޭ ވެބްސައިޓްތައް ލިސްޓް ކުރުން ކަމަށެވެ. އަދި އެމީހުން ތިބީ ގައުމާއި ތަންތަން ހޯދަން ޖެހޭ ކަމަށެވެ.

މިއަންމާގައި އަންސަން ސޫކީގެ ވެރިކަން ވައްޓާލުމަށް ފަހު އަސްކަރިއްޔާއިން ވަނީ ގައުމާ ހަވާލުވެފަ އެވެ. އަސްކަރީ ވެރިކަމާ ދެކޮޅު ހެދުމަށް ރައްޔިތުން މަގުތަކަށް ނިކުތުން ބޮޑު މައްސަލައަކަށް ވެފައި ވާއިރު ވަކިވަަކި ފަަރުދުންނަށް ފާރަލައި ޖާސޫސް ކުރަން ބޭނުންވާ ޓެކްނޮލޮޖީ އިންސްޓޯލް ކުރުން ކުންފުނިތަކަށް އޮތީ މަޖުބޫރު ކޮށްފަ އެވެ.

އަސްކަރީ ޖެނެރަލުންނާ ހެދި ޓެލެކޮމް ކުންފުނިތަކަށް ވެސް ވަނީ ބިރު ބޮޑުވެފަ އެވެ. އާންމުގެ ފަރާތުން ނުރުހުމާއި ޖެއްސުން ކުރުން ވެސް ވަނީ އަމާޒުވެފަ އެވެ. އެއީ ކޯލް އަޑުއެހުމާއި މެސެޖްތައް ލީކުކުރާ ކަމަށް ބުނެ ވާހަކަ ދެކެވޭތީ އެވެ.