ހަބަރު

އިބޫއަށް ކެމްޕެއިން ކުރެއްވުމަށް އައްބާސް ގދ. އަށް

ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކުރީގެ މިނިސްޓަރު އަދި މަޖިލިސް މެންބަރު އައްބާސް އިބްރާހިމް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަށް ކެމްޕެއިން ކުރެއްވުމަށް ގދ. އަށް ވަޑައިގެންފި އެވެ.

ހަތަރު ދުވަހުގެ މުއްދަތައް މިރޭ ފެއްޓެވި ދަތުރުފުޅުގައި ގދ. ގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވެއެވެ، މީގެ އިތުރުން ގއ. ނިލަންދޫއަށްވެސް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވެއެވެ.

އައްބާސް ކެމްޕެއިން ކުރައްވަނީ ކުރިީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އުފައްދަވާފައިވާ މައުމޫން ރީފޯމް މޫވްމަންޓް، އެމްއާރްއެމްގެ ފަރާތުންނެވެ.

ސިޔާސީ ހަރަކާތްތަކާއި އެތަކެއް ދުވަހެއް ވަންދެން ދުރުގައި ހުންނެވުމަށްފަހު އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރައްވައި އައްބާސް އެންމެ ފުރަތަމަ ވާހަކަ ދައްކަވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު ކޯލިޝަންގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ. އެޖަލްސާގައި އެމަނިކުފާނު ވަނީ އިބޫ ހޮވުމަށް މަސައްކަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

އިބޫ އަށް ތާއީދު ހޯއްދެއްވުމަށް އައްބާސް ގދ. އަށް ވަޑައިގެންފައިވާއިރު، މިދިޔަ ހަފްތާގައި ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރު ކަން ކުރައްވާފައިވާ އަނީސާ އަހުމަދު ވަނީ ރ. އަތޮޅަށާއި ބ. އަތޮޅުގެ ހުރިހާ ރަަށަކަށް ވަޑައިގެންފަ އެވެ. އަދި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ވެސް ވަނީ ރައީސް މައުމޫންގެ ފަރާތްޕުޅުން ކެމްޕެއިން ކުރައްވާފަ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން މިހާރު ހުންނެވީ ޖަލު ބަންދުގަ އެވެ. އެމަނިކުފާނުގެ ދިފާއުގައި އޭރު ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ވަނީ ނުކުމެވަޑައިގެންފަ އެވެ. އެގޮތުން އުމަރު ޒާހިރު ވެސް ވަނީ އިބޫއަށް ތާއިދު ކުރައްވާފަ އެވެ.