ވިޔަފާރި

ބްރިޖާއެކު ފެރީގައި އެއާޕޯޓަށް ދާ މީހުން މަދުވެ ގެއްލުން!

Sep 15, 2018
26

ހުޅުލެ-މާލެ ބްރިޖާއެކު މާލެ ސަަރަހައްދުގެ ދަތުރުފަތުރަށް މިވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ގާދޫކޮލު ހުރަސްކޮށް އެޅި މި ބްރިޖާއެކު އެންމެ ބޮޑު ބަދަލެއް މިހާރު ފާހަގަ ވަނީ ހުޅުލެ އަށް ފެރީގައި މީހުން އުފުލާ މީހުންނަށެވެ. މި ވިޔަފާރި އަށެވެ. މި މަސައްކަތުގައި 40 ފެރީ އޮންނައިރު މިހާރު ގިނަ ވަގުތު ފެރީތައް އޮންނަނީ ހުހަށެވެ.

"ކުރިން ދުވާލަކު 10،000ރ. ވަރު ލިބޭ. އެކަމަކު މިހާރު 5،000ރ. ކިރިޔާ މި ލިބެނީ. މި ވަރުން މި [ފެރީ ދުވުލެއް] ކަމެއް ނުވާނެ،" ހުޅުލެ އާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއްގެ ކެޕްޓަނެއް އިއްޔެ ބުންޏެވެ.

އާއްމު ގޮތެއްގައި 50 އާއި 90 މީހުންގެ ފެރީތަކެއް ބޭނުންކުރާ ހުޅުލެ، ފެރީތައް ބަލަހައްޓަނީ އެއާޕޯޓް ފެރީ އޮޕަރޭޓާސް އެސޯސިއޭޝަނުންނެވެ. އެ ޖަމިއްޔާ އިން ފެރީގެ ވިޔަފާރި އަށް އަންނަ ބަދަލާ ބެހޭ ގޮތުން މައުލޫމާތު ނުލިބުނު ނަމަވެސް، ފެރީ ދުއްވާ އުޅަނދު ފަހަރުގެ ކެޔޮޅުންނާއި އޮޑިވެރިން ބުނެފައިވާ ގޮތުގައި ކުރިން ފެރީއަކުން 40 މީހުން ދަތުރު ކުރިނަމަވެސް މިހާރު އެ އަދަދު ވަނީ 25 އަށް ވެއްޓިފަ އެވެ. މި ފެރީތަކުގައި ދާ މީހުންނަށް ޓިކެޓު ވިއްކަނީ 10ރ. އަށެވެ.

އެހެން ފެރީ ކެޕްޓަނެއް ބުނި ގޮތުގައި މީހުންގެ އަދަދު މަދުވަމުން ދިއުމުގެ ސަބަބުން މި ވިޔަފާރި ހުއްޓާލަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

"ދޯނިގެ ފަޅުވެރިންނާއި އެހެން ހަރަދުތަކަށް އެބަދޭ މަހަކު 40،000ރ. ވަރު. މި ވަރަށް ދަށްވާނަމަ ހުއްޓާލަން ޖެހޭނީ. އެކަމަށް މިހާރު ދެން މި ތައްޔާރު ވަނީ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

އެއާޕޯޓަށް ދަނީ ޓެކްސީގައި

މި ވިޔަފާރި "ބުރަކި" ޖެހެން މެދުވެރިވި އެއް ސަބަބަކީ ޓެކްސީގައި އެއާޕޯޓަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެގޮތުން ބްރިޖުން ހުޅުލެއަށް ދާ މީހުންގެ ވެހިކަލްތަކާއި އުޅަނދުތަކަށް ހާއްސަ ސަރަހަދެއް ވަނީ ހަދާފަ އެވެ. މި ސަރަހައްދާ ހަމަ އަށް މީހާރު ޓެކްސީ ދަތުރުކޮށްދެ އެވެ.

ޓެކްސީ ޑްރައިވަރެއް ބުނި ގޮތުގައި ގިނަ ބަޔަކު ޓެކްސީގައި އެއާޕޯޓަށް ދާން ފަށާފައިވާ ކަމަށާ، އެކަށީގެންވާ ވަރަށް ދަތުރު ވެސް ލިބޭ ކަމަށެވެ.

"ދަތުރަކަށް ނަގަނީ 75ރ. ޓެކްސީ ހަމަ ފެރީ ތަކަށް މީހުން އަރުވާ ހިސާބަށް ދެވޭ. އެހެންވެ ހަމަ ރަނގަޅު،" ޓެކްސީ ޑްރައިވަރެއް ބުންޏެވެ.

ބްރިޖާއެކު މާލެ ސަރަހައްދަށް އައި ދަތުރުފަތުރުގެ މި ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާ ބަޔަކަށް ފެރީ ދުއްވާ މީހުންވާނެ އެވެ.