ސާފު ޗެމްޕިއަންޝިޕު މުބާރާތުގެ ފައިނަލްގައި މިއަދު ރާއްޖެއާއި އިންޑިއާ ބައްދަލުކުރާއިރު، ޑިފެންސިވް ކުޅުމެއް ނުކުޅެ ހަމަލާތަކެއް އުފައްދައިގެން ކުރިޔަށް ކުޅުމަށް ރައީސް އަބުދުﷲ ޔާމީން ގައުމީ ޓީމަށް އިރުޝާދު ދެއްވައިފިއެވެ.
ރައީސް ޔާމީން ގައުމީ ޓީމަށް އިރުޝާދު ދެއްވީ ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބުދުލްޢަނީ އަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޔާމީންގެ ފޯންކޯލްގައި ވަނީ މެޗަށް ޓީމް ތައްޔާރުވެފައި އޮތްވަރާއި، ކުޅުންތެރިންގެ ރޫހު ހުރިގޮތް އޮޅުން ފިލުއްވާފައެވެ.
އިންޑިއާ ޓީމަކީ ރާއްޖެއަށް އެންމެ ވާދަވެރިޓީމު ކަމަށާއި، މީގެ ކުރިން އިންޑިއާ އަތުން ބަލިވި މެޗުގައި ހެދުނު ގޯސްތައް ތަކުރާރު ނުކޮށް، ވިސްނައިގެން ކުޅުމަށް ރައީސް ޔަމީން ވަނީ ހިތްވަރާއެކު އިރުޝާދު ދެއްވާފައެވެ. އަދި ހުރިހާ ދިވެހިން ވެސް ތިބީ މެޗުގެ އިންތިޒާރުގައި ކަމަށާއި، ބޭނުން ވަނީ ޓްރޮފީ ހިއްލާލަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް ބުނީ ގަދަ އަޅާ ހުރިހާ ކުޅުންތެރިން ވެސް ތަށި އުފުއްލަން މަސައްކަތް ކުރާނެ ކަމަށާއި އިރާދަ ކުރެއްވިއްޔާ ރާއްޖެ ދާނީ ތަށި ހިފައިގެން ކަމަށެވެ.
"ޑިފެންސިވް ކުޅުމެއް ނުކުޅޭތި. ޑިފެންސިވް ކުޅުމެއް ނުކުޅޭތި. އަހަރަމެން ކުޅެން ވާނީ ލަނޑުގެ ޑިފެރެންސުން ބޮޑު ޑިފެރެންސެއް ދައްކަން. އެއްގޮތަކަށްވެސް ޑިފެންސިވް ކުޅުމަކަށްވުރެ ބޮޑަށް ހަމަ އިސްކަންދީ ހަމަ ސްޓްރައިކް އިނގޭ. ގޯލް ސްކޯ ކުރަންޖެހޭނެ. ހަމަ ޓަފް މެޗަކަށްވާނެ. އެކަމަކު އެއްވެސް ވަރަކަށް އެމީހުން ލީޑެއް ނެގިޔަސް މާޔޫސް ނުވާތި. ހަމަ ހުރިހާ ކުދިން ކައިރީ ބުނޭ ރައީސް ހަމަ އެވްރީ ސެކަންޑްއޮފް ދަމެޗް ރައީސް ވޮޗް ކުރާނަން" ރައީސް ޔާމީން ވިދާޅުވިއެވެ.