ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގައުމީ ފުޓްބޯޅަ ޓީމަށް މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސާފް ސުޒީ ކަޕްގެ ފައިނަލްގައި މިރޭ ރާއްޖެއިން ވަނީ އިންޑިއާ ބަލިކޮށްފަ އެވެ. ދެ ލަނޑުން އެއް ލަނޑުން ރާއްޖެ މެޗް ކާމިޔާބުކުރުމާއެކު ގައުމީ ކެޕްޓަން އަކްރަމް އަބްދުލްޣަނީއަށް ފޯނު ރައީސް ގުޅުއްވި އެވެ.
ރައީސް ވިދާޅުވީ، މިރޭ ގައުމީ ޓީމުން ހޯދައިދިން ކާމިޔާބީއަކީ މިއިން ޒަމާނަކު ދިވެހިންނަށް ނުލިބޭ ވަރު އުފާވެރިކަމެއް ކަމަށެވެ. އެކަމަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މިރޭ ފެނިގެން ދިޔައީ ކުޅިވަރަށް އައިސްފައިވާ ތަރައްގީ އާއި ކުޅުންތެރިންގެ މޮޅު ހުނަރު ކަމަށެވެ.
މިރޭގެ މެޗްގައި ދިވެހި ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ފިޓްނަސްގެ މައްސަލަތައް އުޅުންކަން ވެސް ފާހަގަކުރެއްވި އެވެ. އެކަން ރަނގަޅު ކުރާނެ ކަމަށް އަކްރަމް ބުނުމުން ރައީސް ވަނީ އޭގައި ޝައްކެއް ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް ތަނުގެ އިތުރު ކާމިޔާބީތައް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
އަކްރަމް ބުނީ ކާމިޔާބީތައް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރައީސް ގުޅުއްވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.