ހަބަރު

ހުކުމުގެ މުއްދަތު ހަމަވެ، ރިޔާޒު ހުރީ ޣައިރު ގާނޫނީ ބަންދެއްގައި: ވަކީލުން

ރަށްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ހައިކޯޓުން އިއްވި ހުކުމުގެ މުއްދަތު މިއަދަށް ހަމަވެފައިވާކަމަށާއި، މިހާރު ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނުނީ އެއްވެސް އަސާސެއް ނެތި ޣައިރު ގާނޫނީ ގޮތެއްގައި ކަމަށް، ރިޔާޒުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

އަބުދުﷲ ރިޔާޒުގެ ވަކީލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހައިކޯޓުން 24 އޭޕްރީލް 2018ގައި ކުރި ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސާވިސްއިން ދޫކޮށްފައިވާ ޗިޓްގައި އޭނާގެ ހުކުމް ތަންފީޒުކޮށް ނިމޭ ތާރީހުކަމުގައި ބަޔާންކޮށްފައިވަނީ 15 ސެޕްޓެމްބަރު 2018 ކަމަށެވެ. އެހެން ކަމުން މިއަދުގެ މެންދުރު 2:00 އަށް އެ މުއްދަތު ހަމަވެފައިވާކަމަށެވެ.

"ރިޔާޒު މިވަގުތު ބަންދުން ދޫނުކޮށް ހިފަހައްޓާފައިވަނީ ހައިކޯޓުން ހުކުމްކުރުމުގެ ކުރިން ކޯޓުން ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރުތަކަށް ރިއާޔަތްކޮށްކަމަށް ކަރެކްޝަނަލް ސަރވިސްއިން މިއަދުގެ ވަގުތެއްގައި އެމަނިކުފާނަށް އަންގާފައިވާކަމަށާއި، އެހެން ނަމަވެސް ޝަރީޢަތުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް ބަދަލުކުރެވޭ ހިސާބުން ފެށިގެން އޭގެ ކުރިން އެމީހާގެ މައްޗަށް އެހެން ހުރިހާ މައްސަލަތަކެއްގައި ކޮށްފައިވާ ބަންދު އަމުރުތައް ބާތިލުވެގެންދާކަމީ އެޔާމެދު ދެބަސްނުވެވޭނޭ ކަނޑައެޅިގެން އެނގެން އޮތް ސާފު އަމަލީ އުސޫލެކެވެ. އަދި އެއީ މިއަދާ ހަމައަށް ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން އަމަލުކުރަމުން ގޮސްފައިވާ ޤާނޫނީ އުރުފެކެވެ." ރިޔާޒުގެ ވަކީލުންގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އެ ބަޔާނުގައި ބުނެފައި ވަނީ، މިވަގުތު ރިޔާޒު ބަންދުގައި ބަހައްޓާފައިވާކަމަށް ކަރެކްޝަނަލް ސާވިސަސްއިން ބުނާ މައްސަލަތަކަކީ، އެމައްސަލަތަކުގެ ޝަރީއަތް މިއަދާ ހަމައަށް ވެސް ފަށާފައި ނުވާ މައްސަލަތަކެއް ކަމަށެވެ. އަދި އެހެން ވުމުގެ ސަބަބުން، ޝަރީއަތް ފެށުމުގެ ލިމިޓޭޝަން ޕީރިއަޑް ހަމަވެ، އެއީ ބާތިލު މައްސަލަތަކެއްކަމަށް ވެފައިވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

ރިޔާޒު ހައްޔަރުކުރީ 2 މާރޗް 2018 ވީ ދުވަހުކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 140 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، އެހައްޔަރު ނިސްބަތްކުރެވިފައިވާ މައްސަލައެއްވާނަމަ އެމައްސަލައެއްގެ ޝަރީއަތް ލިޔެކިޔުންތައް ލިބޭތާ 70 ދުވަހުގެ ތެރޭގައި ފަށަންޖެހޭނެ އެވެ. އެހެން ކަމުން ޝަރީޢަތްކުރުމުގެ ލިމިޓޭޝަން ހަމަވެފައިވާ އެންމެހާ މައްސަލަތައް، އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ގޮވާލާކަމަށް ވެސް ވަކީލުންގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ރިޔާޒްގެ މައްޗަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ހުކުމް ތަންފީޒުކޮށް ނިމެން 72 ގަޑިއިރަށް ވުމުން އެމައްސަލަ ބަލައި ނުގަތުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ބަޔާނުގައިވެ އެވެ. ސުޕްރީމް ކޯޓުން އެމައްސަލަ ބަލައި ނުގަތުމަށް ނިންމަވާފައިވަނީ މައްސަލައާ ގުޅޭގޮތުން އެއްވެސް އަޑުއެހުމެއް ވެސް ބޭއްވުމެއް ނެތިކަމަށް އެބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.