ފިނިޕޭޖް

ޒަމާންތަކެއް ކޮށްފައި ތުލްސީ ގެއަށް ގޮސްފި

ހިންދީ ޑްރާމާ ސިލްސިލާ "ކިޔުކީ ސާސްބީ ކަބީ ބާހޫތީ" ގައި ތުލްސީގެ ރޯލު ކުޅެގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ ސިމްރިތީ އިރާނީ 35 އަހަރުފަހުން، އޭނާ އެންމެ ފުރަތަމަ ދިރިއުޅުނު ގެއަށް އަނބުރާ ގޮސްފި އެވެ. ސިމްރިތީއަކީ މިހާރު އިންޑިއާ ސަރުކާރުގެ ޔުނިއަން މިނިސްޓަރެވެ.

އިންޑިއާގެ ގުރޫގްރަމްގައި ހުންނަ އެ ގެއަށް ސިމްރިތީ 42، ދިޔައީ "ކިޔުކީ" ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ އެދުމުގެ މަތިންނެވެ. އެކްތާއަކީ ސިމްރިތީގެ ގާތް ރަހުމަތްތެރިއެއްވެސްމެ އެވެ.

ކުޑައިރުގެ ފުން ހަނދާންތަކާއި ގުޅިފައިވާ ގެއަށް އަނބުރާ ދިއުމުން ފެނުނު މަންޒަރާއިއެކު ސިމްރިތީ ހުރީ ހައިރާންވެފަ އެވެ. މިހާރު އެ ގެ ހުރީ އަންނައުނު ފަހާ ވޯކްޝޮޕްއަކަށް ހަދާފަ އެވެ. އެ ގެއާއި ގުޅިފައިވާ ހަނދާންތައް އާވުމާއެކު ސިމްރިތީގެ ބަޑި ފަޅައިގެން ގޮސް ކަރުނަތައް ފޭބި އެވެ.

ސިމްރިތީ އެ ގެއަށް ގޮސް މާޒީގެ ހަނދާތައް އާކުރަމުންދިޔައިރު، އެކްތާ ވަނީ އެ މަންޒަރުތައް އިންސްޓަގުރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.

އިންޑިއާގެ މީހުނަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމާއި ގުޅޭގޮތުން އެކްތާ އަންނަނީ "ހޯމް" ނަމުގައި ވެބް ސީރީޒެއް ގެނެސްދެމުންނެވެ. ސިމްރިތީ އެ ގެއަށް ދިޔައީ އެ ވެބް ސީރީޒްގެ ޕްރޮމޯޝަންގެ ދަށުންނެވެ. އޭނާގެ އިތުރުން އެކްތާއާއި ގާތް ގުޅުން އޮންނަ އެހެން ބައެއް ތަރިންވެސް، އެމީހުން އެންމެ ފުރަތަމަ ދިރިއުޅު ގެއަށް ދަނީ ޒިޔާރަތްކުރަމުންނެވެ.