ޓީވީ ސީރީޒް

ތިން މަސްފަހުން މެތިއު ޕެރީ ހޮސްޕިޓަލުން ވީއްލައިފި

ނުވަދިހައިގެ އަހަރުތަކުގެ ފަހުކޮޅުގައި ގެނެސްދިން އެމެރިކަން ސިޓްކޮމް ޓީވީ ސީރީޒް "ފެރްންޑްސް" ގައި ލީޑުން ފެނިގެންދިޔަ އެއް ތަރި، މެތިއު ޕެރީ (ޗޭންދުލާ) ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާއި ތިން މަސް ދުވަސްވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.

މެތިއު އެހެން ބުނީ ހޮސްޕިޓަލުން ދޫކޮށްލުމާއެކު އިއްޔެ ކުރި ޓުވީޓެއްގަ އެވެ.

ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަތަކެއް ޖެހިގެން ސާޖަރީއެއް ކުރުމަށްޓަކައި މެތިއު ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ ކަމަށް މިދިޔަ މަހު ބައެއް މީޑިއާތުން ރިޕޯޓުކުރި އެވެ. މެތިއުއަކީ އެނާގެ ޒާތީ ދިރިއުޅުމުގެ ކަންކަން މީޑިއާއި ވަރަށް ދުރުގައި ގެންގުޅެމުންދާ ތަރިއެކެވެ.

ރާ ބުއިމުގެ ސަބަބުން ހާލަތު ދެރަވެގެން މެތިއު ވަނީ މީގެ ކުރިންވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދާފަ އެވެ.

މެތިއު އެންމެފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ގެނެސްދިން މިނީ ސީރީޒް "ދި ކެނެޑީސް: ޑިކްލައިން އެންޑް ފޯލް" އިންނެވެ. އަދި ސީބީއެސްގެ "ދި ގުޑް ފައިޓް" އިންވެސް ފެނިގެންދިޔަ އެވެ.