ހަބަރު

ގައުމީ ޓީމް އަންނަނީ އޭ-380 ގައި، ޖައްސާނީ އާ ރަންވޭއަށް!

Sep 17, 2018
22

ސާފް ސުޒުކީ ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށް ފަހު، ތަށި ހިފައިގެން ގައުމީ ޓީމު އަންނާނީ، އިއްތިހާދުގެ އޭ-380 މަތިންދާ ބޯޓްގައި ކަމަށާއި އެ ބޯޓް ޖައްސާނީ އާ ރަންވޭގައި ކަން "އަވަސް"އަށް ކަށަވަރުވެއްޖެ އެވެ.

ދިހަ އަހަރަށް ފަހު ގައުމީ ފުޓުބޯޅަ ޓީމުން ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން އަންނަނީ މާދަމާ ހަވީރު 4:30 ގައެވެ. އެ އުފަލުގައި މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ވެލާނާ އެއާޕޯޓް ހިންގާ، އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު "އަވަސް"އަށް ބުނީ އާ ރަންވޭ ހުޅުވުމުގެ ގޮތުން އޭ-380 ފްލައިޓު ޖައްސަން ހަމަޖެހިފައި ވަނީ، މާދަމާ ހަވީރު 4:30 ގައި ކަމަށެވެ. އެއާ ގުޅިގެން ގިނަ ހަރަކާތްތަކެއް އެ ސަރަހައްދުގައި ކުރިޔަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެމްއެންޑީއެފްގެ ޕެރަ ޖަމްޕްއާ އެއާޝޯއެއް ވެސް އެ ސަރަހައްދުގައި ކުރިޔަށް ދާނެ އެވެ. އެ ހަފްލާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެފްއޭއެމްގެ އޮފިޝަލުން ވެސް މިއަދު އަވަސްއަށް ވިދާޅުވީ ގައުމީ ޓީމް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ، މާދަމާ ހަވީރު 4:30ގަ އެވެ. ގައުމީ ޓީމު އަންނަ އިރު އެ ޓީމަށް މަރުހަބާ ކިޔުމަށް ތައްޔާރީތައް ވަމުން އެބަދެ އެވެ. އޭ380 ގައި އާ ރަންވޭއަށް ޖެއްސުމަށް ފަހު ގައުމީ ޓީމު މާލެ އަންނާނީ ސިނަމާލޭ ބްރިޖްގައި ކަން އެ ރަސްމިއްޔާތު ރޭވުމުގައި އިސްކޮށް އުޅޭ އޮފިޝަލަކު ވިދާޅުވި އެވެ.

ގައުމީ ޓީމަށް މަރުހަބާ ކިޔާ، ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން ވަނީ މާދަމާއަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. އެއާއެކު ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ.