މިއަދަކީ އަނެއްކާވެސް ދިވެހި ތާރީހުގައި ރަން އަކުރުން ފަވާލެވިގެންދާނެ ދުވަހެކެވެ. ދުނިޔޭގައި މިހާރު އުފައްދާ އެންމެ ބޮޑު މަތިންދާބޯޓް، އެއާބަސް އޭ380 މަރުކާގެ ބޯޓެއް މިއަދު ރާއްޖޭގެ ރަސްމީ ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެ އެވެ. މި ބޯޓު ޖައްސާނީ ދިވެހި ސަރުކާރުން ވެލާނާ އެއާޕޯޓުގައި މިހާރު ތަރައްގީކޮށްފައިވާ 3،400 މީޓަރު ދިގު، އާ ރަންވޭގައި އެވެ. ތާރީހީ ދުވަހަކަށް މިއަދު ވާނެއިރު، މިއަދުގެ އެންމެ ބޮޑު ފަހުރެއް ލިބޭނީ ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށެވެ. ދިހަ އަހަރަށްފަހު ސާފު ސުޒުކީ ކަޕްގައި ފަހަރުވެރި އެއްވަނަ ހޯދާއި، މުޅި ގައުމު އުފާކޮށްދިން ގައުމީ ޓީމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތިރިކުރާނީ ގަތަރު އެއާވެސްގެ މި އޭ380 ބޯޓުގައި އެވެ.
އޭ380 ގެ މަތިންދާބޯޓެއްގެ ހިދުމަތް އާންމުކޮށް އެންމެ ފުރަތަމަ ދިނީ 2007 ވަނަ އަހަރު އެވެ. އެއީ ސިންގަފޫރް އެއާލައިންގެ ފަރާތުންނެވެ. މަތިންދާބޯޓްތަކުގެ ތާރީހުވެސް ބަދަލުކޮށްލި މި މާ ސިންގާ ބޯޓަށް ލޯބިން ކިޔަނީ "ސުޕަޖަންބޯ ޖެޓް" އެވެ. މި ބޯޓް އުފައްދަނީ ޔޫރަޕްގެ އެއިރޯސްޕޭސް ކޯޕަރޭޝަން ކަމުގައިވާ "އެއާބަސް" އިންނެވެ. ފުޅާކޮށް، ދެ ބުރިއަށް ނަގާފައި ހުންނަ މި ބޯޓުގައި ހަތަރު އިންޖީނު ހުރެ އެވެ. ގާތްގަނޑަކަށް 445.6 މިލިއަން ޑޮލަރުގެ އަގުހުރި މި ބޯޓަކީ ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު އަދި އެންމެ ލަގްޒަރީ މަތިންދާބޯޓެވެ. މި ބޯޓުގައި 800 ފަސިންޖަރުންނަށް ޖާގަ އޮވެ އެވެ. މިހާތަނަށް މީގެ 229 ބޯޓު އުފައްދާފައިވެ އެވެ.
އޭ380 ގެ މަތިންބޯޓެއް ޓެސްޓު ދަތުރެއްގައި އެންމެ ފުރަތަމަ އުދުއްސާލީ އޭޕްރީލް 27، 2005، ހެނދުނު 10:30 ގައި ފްރާންސުގެ ސިޓީއެއް ކަމުގައިވާ ޓުލްސޯގެ އެއާޕޯޓަކުންނެވެ.
އެމީހުންގެ އަމާޒަކަށްވީ އޭރު ދުނިޔޭގެ މާކެޓުގައި އޮތް އެންމެ ނުފޫޒުގަދަ، ބޮއޭއިން 747 ޖަންބޯ ޖެޓް ފަހަތަށް ޖައްސާލުމެވެ. ބޮއޭއިން 747 މަޝްހޫރުވީ ހިންގުމުގެ ހަރަދުކުޑަވުމާއި އަގުހެޔޮވުމުގެ ސަބަބުންނެވެ.
އެ މަސައްކަތް ފެށީ 70ގެ އަހަރުތަކުގައި އެވެ. އޭ3 ގެ ތަފާތު ބޯޓުތައް 90ގެ އަހަރުތަކުގައި ތައާރަފުކުރި އެވެ. އޭ330 އާއި އޭ340 ވެސް ތައާރަފުކުރީ ގާތްގަނޑަކަށް އެހާ ހިސާބުގައި އެވެ.
ބޮއޭއިންގެ ބޯޓުތަކަށްވުރެ ބޮޑު އަދި ހިންގުމުގެ ހަރަދުކުޑަ ބޯޓުތަކެއް އުފެއްދުމުގެ މަސައްކަތް އެއާބަސްއިން ފެށި އެވެ. އެއާއެކު އޭ3XX ގެ ނަމުގައި ދެ ބުރިއަށް ހުންނަ ބޯޓެއް އުފެއްދި އެވެ. ފަހުން އެ ބޯޓުގެ ނަން އޭ380، "ސުޕަޖަމްބޯ ޖެޓް" އަށް ބަދަލުކުރި އެވެ.
އޭ380ގެ ހުރިހާ މަސައްކަތެއް ކުރީ، ފްރާންސުގެ ޓުލްސޯގައި ހުންނަ 1.6 ސްކޮޔާ ފޫޓްގެ އެސެމްބުލީ ޕްލާންޓެއްގެ ތެރޭގައި އެވެ. މި ބޯޓުގެ ދިގުމިނުގައި 239 ފޫޓު ހުރެ އެވެ. އުސްމިނުގައި 70 ފޫޓް ހުރެ އެވެ. އަދި ބޯޓުގެ ދެ ފިޔަގަނޑާއެކު ފުޅާ މިނުގައި 262 ފޫޓު ހުރެ އެވެ.
9،400 މޭލު ދުރަށް ދަތުރުކުރާ މި ބޯޓުގައި 800 ފަސިންޖަރުންގެ ޖާގަ އޮވެ އެވެ. މި ބޯޓަކީ ކުޑަވަރެއްގެ އުދުހޭ ގެޔެކޭވެސް ބުނެވިދާނެ އެވެ. މީގެ ތެރޭގައި ވޯކް އަޕް ބާތަކާއި ޕްރައިވެޓް ލައުންޖާއި ފެންވެރޭ ގޮތަށް ތައްޔާރުކޮށްފައިވާ ފާހާނާތަކާއި ފަސްޓް ކުލާސް ބެޑް ރޫމްތައްވެސް ހުރެ އެވެ.
އެންމެ ފުރަތަމަ އާންމުކޮށް ހިދުމަތް ދިނީ ސިންގަފޫރް އެއާލައިންސްއިން އޯޑަރު ދީގެން ތައްޔާރުކޮށްގެން ގެނައި އޭ380 ބޯޓަކުންނެވެ. މި ބޯޓު އެންމެ ފުރަތަމަ އުދުއްސާލީ އޮކްޓޯބަރު 15، 2007 ގައި އެވެ. އޭގެފަހުން ދުނިޔޭގެ މަޝްހޫރު އެހެން އެއާލައިންތަކުންވެސް އޭ380 ބޭނުންކުރަން ފެށި އެވެ.
ސެކަންޑް ހޭންޑް އޭ380ގެ ބޯޓެއް އެންމެ ފުރަތަމަ ބޭނުންކުރީ ޕޯޗުގަލްގެ، ހައި ފްލައި އެއާލައިނުންނެވެ. އެ ބޯޓު ބޭނުންކުރަން ފެށީ މި އަހަރު އެވެ.
އޭ380 ބޯޓުގެ އެންމެ ވަފާތެރި ކަސްޓަމަރަކީ އެމިރެޓްސް އެއާލައިންސްގެ ސީއީއޯ، ޝެއިހް އަހްމަދު ބިން ސައީދު އަލް މަހްތޫމެވެ. އެއާބަސްއިން މިހާތަނަށް އުފެއްދި 331، އޭ380 މަތިންދާބޯޓުގެ ތެރެއިން 162 ބޯޓަކީ އެމިރެޓްސްގެ ބޯޓުތަކެވެ. މީގެ ތެރޭގައި މި އަހަރު ޖެނުއަރީގައި އެމިރެޓްސްއިން އޯޑަރުދިން އާ 20 ބޯޓުވެސް ހިމެނެ އެވެ. އިތުރު އެހެން އެއްވެސް އެއާލައިންއަކުން އޭ380 ގެ 19 ބޯޓަށްވުރެ ގިނައިން ހިދުމަތް ނުދެ އެވެ.
އެއާބަސްއިން މިހާރު ވަނީ އޭ380 ގެ އާ ވާޝަންއެއް، އޭ380 ޕްލަސްގެ ނަމުގައި ތައްޔާރުކުރުމަށް މަސައްކަތް ފަށާފަ އެވެ. ކުރީގެ ބޯޓަށްވުރެ ތެޔޮގެ ހަރަދުކުޑަވާނެ މި ބޯޓުގައި އިތުރު 80 އަށްވުރެ ގިނަ މީހުނަށް ޖާގަ އޮންނާނެ އެވެ. މިދިޔަ އަހަރު އެއާބަސްއިން ވަނީ އެ އާ ވާޝަން ތައްޔާރުކުރުމަށް އޯޑާ ނަގަން ފަށާފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް އެއާލައިންއަކުން އޯޑާ ދީފައެއް ނުވެ އެވެ.
ރާއްޖެއަށް ޖައްސާ އޭ380 ގެ ބޯޓު ވެލާނާ އެއާޕޯޓަށް ތިރިކުރާނީ މިއަދު ހަވީރު 4:30 ގައި އެވެ. މި ބޯޓް މާލެ ވަށައިގެން 1000 ފޫޓު ތިރިން ދަތުރުކުރާނެ އެވެ. މި ބޯޓް ތިރިކުރުމަށާއި އާ ރަންވޭ ހުޅުވުމަށް އަދި ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް ހާއްސަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.