ހަބަރު

މާފުށީ ޖަލު އެލާޓަށް ގެނެސްފި

Sep 17, 2018

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، މައި ޖަލު، މާފުށީ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން މިއަދު ބުނެފި އެވެ.

ކަރެކްޝަންސްގެ ސީނިއާ ޕްރިޒަންސް އޮފިސަރު އަހްމަދު ލުގްމާން "އަވަސް"އަށް ވިދާޅުވީ މިއަދުގެ ވަގުތެއްގައި މާފުށީ ޖަލު އެލާޓަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެލާޓަށް ގެނައި ކީއްވެ ކަމެއް މިވަގުތު ހަމަ ކުރެވެން ނެތް ކަމަށް އޭނާ
ވިދާާޅުވި އެވެ. މާފުށީ ޖަލަކީ ހައި ޕްރޮފައިލް ގިނަ ބަޔަކު ބަންދުކޮށްފައިވާ ޖަލެކެވެ.

އެ ޖަލުގައި ބަންދު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ހައްޔަރުކުރި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުވެސް ހުންނަވަނީ އެ ޖަލުގަ އެވެ. އަދި މަޖިލީހުގެ ބައެއް މެންބަރުން ވެސް އެޖަލުގައި ހައްޔަރުކޮށްފައިވެ އެވެ.

އެ ޖަލު އެލާޓަށް ގެނެސްފައިވާ އިރު، ވަކީލުންގެ ބައްދަލުވުންތައް ވެސް ސިޔާސީ ފަރާތްތަކަށް މިދުވަސްކޮޅު ނުދޭ ކަމަށް ބުނެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

ޖަލު އެލާޓަށް ގެނެސްފައިވާ އިރު ޖަލުތެރެ ހަލަބޮލިކޮށް ހަމަނުޖެހުން ހިންގާފާނެ ކަމަށް ބުނެ، ކަރެކްޝަން އިން ވަނީ އެ ސަވިސްގެ ބައެއް އިސްވެރިންގެ މަގާމްތަކަށް މިފަހުން ބަދަލު ގެނެސްފަ އެވެ.