ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ރޭ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަތުން ފަހަތުން އަރައި 3-1 ސެޓުން މޮޅުވެ، ޕޮލިސް ކްލަބް މި މުބާރާތުގެ ޗެމްޕިއަންކަން އަށް ވަނަ ފަހަރަށް ހޯދައިފި އެވެ.
މެޗަކުން ބަލިނުވެ ފައިނަލަށް ދިޔަ މޯލްޑިވިއަން އިން ފައިނަލް މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 25-19 އިންނެވެ. އެކަމަކު ޕޮލިހުން ވަނީ ދެވަނަ ސެޓު 18-25 އިން ކާމިޔާބުކޮށް، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ޕޮލިހުން ވަނީ ފައިނަލްގެ ތަޖުރިބާގެ ފައިދާ ނަގައި، ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު 19-25 އަދި 18-25 އިން ކާމިޔާބުކޮށްފަ އެވެ.
މި މުބާރަތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އައިޝަތު މާޖިދާ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ހައްވާ ރާޝިދާ އެވެ.
މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޕޮލިހުގެ ހައްވަ އާއި އައިޝަތު ޝައްފަ އާއި މޯލްޑިވިއަންގެ މާޖިދާ އާއި ސިލްމާ ޒާހިރާއި ފާތިމަތު ޖޫޒަން އާއި ހައްވާ ސަހާ އަދި ޝައުފާ އާދަމް އެވެ. ޑްރީމް ޓީމުގެ ކޯޗަކީ ޕޮލިހުގެ ކޯޗު މުހައްމަދު ނަދީމެވެ.
މި މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ މާތޮޑާގެ މަރިޔަމް މިޒްނާ އެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ އައިމިނަތު އަރީޝާ އެވެ. ފެއާ ޕްލޭ ކުޅުންތެރިއަކަށް ޕޮލިހުގެ ހަދީޖާ އިބްރާހިމް ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ މާތޮޑާ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޕޮލިހުގެ އަންހެން ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ނަދީމެވެ.