ހަބަރު

ޝޯން ޕޯލްގެ ޝޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި: ފުލުހުން

ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ އައިސް ބާއްވަން ހަމަޖެހިފައިވާ ޝޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ އާ އަހަރު ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބާއްވަން ހަމަޖެހިފައިވާ އެ ޝޯ ބެލުމަށް ހާޒިރުވާ ފަރާތްތަކާއި އެ ޝޯގައި ބައިވެރިވުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަމުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ޝޯ ހިނގަމުންދާ ވަގުތު އެ ސަރަހައްދުގެ މަގުތައް ބަންދުކުރެވޭނެ ގޮތާއި އެ ޝޯ ބެލުމަށް ދަނޑަށް ވަންނަ ފަރާތްތަކުގެ ވެހިކަލްތައް ޕާކް ކުރެވޭނެ މަގުތައް ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މައުލޫމާތު ފަހުން އާންމު ކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ކުރިން ގަލޮޅު ދަނޑުގައި ބާއްވާފައިވާ ފުޓްބޯޅަ މެޗްތަކުގައި ވެސް އެ މެޗްތައް ބަލަން ހާޒިރުވި ފަރާތްތަކާއި އެ މެޗްތަކުގައި ބައިވެރިވި ބޭރުގެ ކުޅުންތެރިންނަށް ސަލާމަތީ ކަންކަން ބެލެހެއްޓިއިރު ލިބިފައިވާ ތަޖްރިބާގެ އަލީގައި މި ޝޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ހިތްތަކުގައި ނުތަވަނަސްކަން އުފެދޭ ގޮތަށް އެއްވެސް ބަޔަކު ކަންކަން ނުކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

މިމަހުގެ 31 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެ ޝޯ ގައި ބައިވެރިވުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޝޯން ޕޯލަށް މަރުގެ އިންޒާރު ދީ ޔޫޓިއުބްގައި ވީޑިއޯއެއް އާންމުކޮށްފައިވެ އެވެ. އެ ވީޑިއޯއަކީ ސީރިއާގައި ހަނގުރާމަ ކުރަމުންދާ ޖަމާއަތެއްގެ ވީޑިއޯއެއް ކަމަށް ބުނެ އެ ވީޑިއޯގައި އެ ޖަމާއަތުގެ ލޯގޯ ބޭނުންކޮށްފައިވާ ނަމަވެސް އެ ޖަމާއަތުން ވަނީ އެ ވީޑިއޯއާ އެ ޖަމާއަތާ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.