ރާއްޖެ ކުޅިވަރު

ގަތަރާއި ރަޝިއާ އިން ބިޑް ކާމިޔާބުކުރަން ރިޝްވަތު ދީފާނެ

ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ހުށަހެޅި ބިޑްތައް ކާމިޔާބުކުރަން ރަޝިއާ އާއި ގަތަރަށް ރިޝްވަތު ދޭން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ފީފާގެ ރައީސްގެ ކުރީގެ ސްޕެޝަލް އެޑްވައިޒަރު ބުނެފި އެވެ.

ފީފާގެ ދެވަނަ ދައުރުގައި ބްލެޓާގެ އަރިހުގައި ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި ގުއިޑޯ ޓޮގްނޯނީ މިހެން ބުނިއިރު، ރަޝިއާގައި 2018 ވަނަ އަހަރު އަދި ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ބިޑިން ޕްރޮސެސްގައި ކޮރަޕްޝަންގެ ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތުކުރެވިފަ އެވެ.

ގުއިޑޯ ބުނީ ފީފާ އިން ބޭނުންވާ ކަމެއް ހާސިލްކުރެވޭނީ ފައިސާގެ ބޭނުން ކޮށްގެން ކަމަށެވެ.

"ފީފާ އިން ކަމެއް ހާސިލްުކުރަން ބޭނުންވެއްޖެނަމަ، އާންމުކޮށް އެކަން ހާސިލްކުރެވޭނީ އަތަށް ޑޮލަރު ލައިގެން،" ގުއިޑޯ ބުންޏެވެ.

ދެހާސް އަށާރަ ވަނަ އަހާރި 2022 ވަނަ އަހަރުގެ ބިޑިން މަރުހަލާ ދިޔަ ގޮތް ތަހުގީގްކުރަން ސްވިޓްޒަލޭންޑްގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ ފަށައިފަ އެވެ. ފީފާ އިން ކުރިން ކުރި ތަހުގީގުން ކޮރަޕްޝަންގެ ކަމެއް ބިޑިން މަރުހަލާގައި ހިނގާފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށް ފީފާ އިން ބުނި ނަަމަވެސް، އެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވި މައިކަލް ގާސިއާ އިސްތިއުފާ ދިނުމުން އެ ރިޕޯޓާމެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.

ރަޝިއާ އާއި ގަތަރުން ވަނީ ބިޑް ކާމިޔާބުކުރަން ރިޝްވަތު ދިން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ.

އެމެރިކާ އިން ބަލަމުންދާ ފީފާގެ ކޮރަޕްޝަންގެ މައްސަލައެއްގައި ފީފާގެ އިސް ހަތް އޮފިޝަލުން ވަނީ ހައްޔަރުކޮށްފަ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ޖުމްލަ 14 މީހެއްގެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. އެމެރިކާ އިން ތުުހުމަތުކުރާ ގޮތުގައި 24 އަހަރު ދުވަހުގެ ތެރޭގައި ރިޝްވަތާއި މަނީ ލޯންޑެރިންގެ ގޮތުގައި 150 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް މި ފަރާތްތަކުން ނަގާފައިވާ ކަމަށެވެ.

ފީފާގެ ރައީސްގެ މަގާމަށް ފަސް ވަނަ ދައުރަކަށް ބްލެޓާ އިންތިހާބުވެވަޑައިގަތް ނަމަވެސް، ބްލެޓާ ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.