ހަބަރު

ފުވައްމުލަކަށް ހާއްސަ ކައްޓެޅި މިފަހަރު ބޭނުނީ ތުލުސްދޫ ކައިރިން

ދިވެހިންނަކީ ޒަމާނުއްސުއްރެ މަސްވެރިކަމުގައި އާންމުދަނީ ހޯދަމުން އަންނަ ބައެކެވެ. ދިވެހީންގެ ލޭނާރަކީ މަސްވެރިކަމެވެ. ދައްކަން މިއުޅޭނީ މަސްވެރިކަމުގެ ތާރީހުގެ ވާހަކައެއް ނޫނެވެ. ނަމަވެސް މަސްވެރިކަމާ ގުޅުން ހުރި އެހެން ވާހަކަ އެކެވެ.

ކައްޓެޅި އޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ނޭނގޭ މީހުން ވަރަށް މަދުވާނެ އެވެ. އެއީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ހާއްސަ މަހެކެވެ. ކައްޓެޅި އަކީ ޒަމާނުއްސުރެ ޏ. ފުވައްމުލަކާއި ގުޅިފައިވާ މަހެކެވެ. ސަބަބަކަށް ވަނީ، އެ މަސް ހަމައެކަނި ބޭނެނީ ފުވައްމުލަކު ކައިރިން އެވެ. ކައްޓެޅި ބޭނުމަށް މަޝްހޫރުވެފައިވަނީ ފުވައްމުލަކު މީހުންނެވެ. އެ މަސް އެހެން ސަރަހައްދަކުން ބާނާ ކަމެއް މީގެ ކުރިން އެނގިފައެއްނުވެ އެވެ.

ނަމަވެސް މިފަހަރު މިވަނީ ފުވައްމުލަކު ސަރަހައްދު ދޫކޮށް ރާއްޖޭގެ އެހެން ސަރަހައްދަކުންވެސް އެމަސް ބާނާފަ އެވެ. ކައްޓެޅި ބާނާފައިވަނީ ފުއްވަމުލަކާއި ކައިރިވެސް ސަރަހައްދަކުން ނޫނެވެ. މިފަހަރު މި މަސް ބާނާފައިވަނީ މާލެ އަތޮޅު ތުލުސްދޫ ކައިރިންނެވެ. މިއީ ފުވައްމުލަކު ނޫން އެހެން ސަރަހައްދަކުން މި މަސް ބޭނިކަން މިފަހުނން އިނގުނު ފުރަތަމަ ފަހަރެވެ.

މި މަސް ބޭނި ދޯނީގައި އޭރު ހުރި ނިޝާމް "އަވަސް" އަށް ބުނީ، ކައްޓެޅި ބާނާފައިވަނީ ރޭ މަސްވެރިކަމަށް ނިކުމެ އުޅުނު ފަތުރުވެރިންގެ ގްރޫޕަކުން ކަމަށެވެ. އެ މަސް ބާނާފައިވަނީ ތުލުސްދޫ ބޭރުން އޮންނަ ކަނޑުއޮޅި ސަރަހައްދުން ތައިލޭންޑްގެ ފަތުރުވެރިއެއް ކަމަށްވެސް ނިޝާމް ބުންޏެވެ.

އޭނާ ބުނީ، ކައްޓެޅިއެއް ކަން ޔަގީން ކުރުމަށް ފުވައްމުލަކުގެ ރައްޓެހިންނަށްވެސް ފޮނުވާފައިވާ ކަމަށާއި އޭނާވެސް ވަނީ އެއީ ކައްޓެޅި ކަމަށް ބުނެފަ އެވެ. އަދި އެހެން ސަރަހައްދަކުންވެސް ކައްޓެޅި މީގެ ކުރިން ބާނާތޯ ސުވާލުކޮށް ހެދި ކަމަށާއި ނަމަވެސް މީގެ ކުރިން ފުވައްމުލަކު ނޫން އެހެން ސަރަހައްދަކުން ބާނާފައިވާކަން ނޭންގޭ ކަމަށްވެސް އޭނާ ބުންޏެވެ.

ކައްޓެޅި އަކީ ފުއްވަމުލަކަށް ވަރަށްވެސް ހާއްސަ މަހެކެވެ. އެރަށުގައި ކައްޓެޅި ހާއްސަވެފައިވާ މިންވަރު ހާމަ ކޮށްދޭ އެއް ކަމަކީ އެރަށުގައި ކައްޓެޅި ބޭނުމުގެ މުބާރަތްތައް ވެސް ބާއްވަމުން ގެންދާ ކަމެވެ. މިއަދު މިވަނީ ފުވައްމުލަކަށް ހާއްސަ ކައްޓެޅި ރާއްޖޭގެ އެހެން ސަރަހައްދަކުންވެސް ބާނާފަ އެވެ. ނަމަވެސް ބާނާފައިވަނީ ހަމަ އެންމެ މަހެކެވެ. ފުވައްމުލަކަށް ހާއްސަވި ކައްޓެޅި އިތުރަށް އެރަށަށް ހާއްސަވާނެ ހެއްޔެވެ؟