ރާއްޖެ ކުޅިވަރު

ގަތަރު މެޗުގެ ސިޑިބަރީގެ ޓިކެޓު މިރޭ ވިއްކަނީ

ވޯލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ގަތަރު ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ކުޅޭ މެޗުގެ ސިޑިބަރީގެ ޓިކެޓު މިރޭ ވިއްކާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

މި މެޗުގެ ޓިކެޓު މާދަމާ ހެނދުނު ވިއްކާ ގޮތަށް އެފްއޭއެމް އިން ހަމަޖެއްސި ނަމަވެސް، ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ސިޑިބަރީގެ ޓިކެޓު މިރޭ 2000 އިން ފެށިގެން ވިއްކާނެ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފަ އެވެ. ގޮނޑިބަރީގެ ޓިކެޓު ވިއްކާނީ މާދަމާ ހެނދުނު 1000 އިން ފެށިގެން ގަލޮޅު ދަނޑުންނެވެ.

މި މެޗުގެ ސިޑިބަރީގެ ޓިކެޓެއް ވިއްކަނީ 50ރ. އަށެވެ. ގޮނޑި ބަރީގެ ޓިކެޓު ވިއްކަނީ 100ރ. އަދި 150ރ. އަށެވެ. މީހަކަށް އެންމެ ގިނަވެގެން ވިއްކާނީ ފަސް ޓިކެޓު ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

ގުރޫޕް ސީގައި ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ގަތަރުގެ ޓީމު މިރޭ މާލެ އަންނާނެ އެވެ.

ގުރޫޕް ސީގައި ރާއްޖެ އާއި ގަތަރާއެކު ދެން އޮތީ ޗައިނާ އާއި ބޫޓާން އަދި ހޮންކޮންގެވެ. ރާއްޖެ ގުރޫޕްގައި ކުޅެންޖެހޭ ދެވަނަ މެޗުގައި މި މަހުގެ 17 ވަނަ ދުވަހު ނުކުންނާނީ ރަށުން ބޭރުގައި ނުކުންނާނީ ހޮންކޮންގްއާ ދެކޮޅަށެވެ.