ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ ޖޯޒީ ވިއްކަން ފަށަނީ

ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ އާ ޖޯޒީ މިރޭ ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ސްޕެއިންގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖޯމާ އިން ރާއްޖޭގެ ގައުމީ ޓީމަށް ފޯރުކޮށްދީފައިވާ ގައުމީ ޓީމުގެ އާ ޖޯޒީ މިދިޔަ ހަފުތާގައި ވަނީ ލޯންޗްކޮށްފަ އެވެ.

ގައުމީ ޓީމު އާ ޖޯޒީ ވިއްކާނީ އޯލް ސްޕޯޓްސް އިންނެވެ. ޖޯޒީ ވިއްކަން ފެށުމުގެ ގޮތުން މިރޭ އޯލް ސްޕޯޓްސްގެ ކުރިމަތީގައި ރަސްމިއްޔާތެއް އޮންނާނެ ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

ޖޯމާ އަކީ ޔޫރަޕްގައި ކުރިއަރަމުން އަންނަ ބްރޭންޑެކެވެ. އެފްއޭއެމް އާއި ޖޯމާއާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން، ގައުމީ ޓީމުގެ ޖޯޒީ ފޯރުކޮށްދެނީ ސީދާ ޖޯމާ ކުންފުނިންނެވެ. މިއީ ކުޅިވަރުގެ ސާމާނު ބައިނަލްއަގުވާމީ ކުންފުންޏަކުން ގައުމީ ޓީމުގެ ކިޓް ޕާޓްނަރަކަށްވި ފުރަތަމަ ފަހަރެެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ހޯމް ކިޓަކީ އާންމުކޮށް ރާއްޖޭން ބޭނުންކުރާ ރަތްކުލަ އެވެ. އެ ކިޓުގައި ދެން ހިމެނެނީ ހުދު ކުލައިގެ ފަށްތަކެކެވެ. އަވޭ ޖޯޒީގައި ނޫކުލަ، އަދި ހުދު ކުލައިގެ ފަށްތަކެކެވެ.

ރާއްޖެ އަށް ހާއްސަ ޖޯޒީޢެއް ތައްޔާރުކުރަމުންދާ ކަމަށް ޖޯމާ އިން ވަނީ ބުނެފަ އެވެ. އެ ކުންފުނިން ރާއްޖެ އަށް ތައްޔާރުކުރާ ހާއްސަ ޖޯޒީ ނެރޭނީ އަންނަ އަހަރެވެ.

ގައުމީ ޓީމު އާ ޖޯޒީގައި ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ 11 ވަަނަ ދުވަހު ގަތަރާ ދެކޮޅަށް ކުޅޭ މެޗެވެ.