ހަބަރު

އިބޫ ހަދަނީ ދޮގު، މަސްވެރިކަން ކުރުމުގެ ހުއްދަ ބޭރު ބަޔަކަށް ނުދެން: ޝައިނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމުގެ ހުއްދަ ބޭރުގެ އެއްވެސް އުޅަނދަކަށް ދީފައި ނުވާނެ ކަމަށާއި، މި ސަރުކާރުން މަސްވެރިކަމުގެ ހުއްދަ ދޫކޮށްފައިވާ ބޭރުގެ އުޅަނދުތަކަކީ 100 ޕަސެންޓް ދިވެހިން ހިއްސާކުރާ ބޯޓުތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ބޭރުގެ އުޅަނދުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވާކަމަށް ބުނެ އިދިކޮޅުން ކޮށްފައިވާ ތުހުމަތުތަކެއް ދޮގު ކުރައްވަމުން ޝައިނީ މިއަދު ވިދާޅުވީ، ބޭރުގެ އެއްވެސް ފަރާތަކަށް ލައިސެންސް ނުދޭ ކަމަށެވެ. ސަރުކާރުން ލައިސެންސް ދީގެން ރާއްޖޭގައި ލޯންގްލައިން މަސްވެރިކަންކުރަނީ ބޭރުގެ 48 އުޅަނދުފަހަރު ކަމަށާއި އެ އުޅަނދުތަކަކީ ދިވެހި ކުންފުނިތަކުން ގަނެގެން 100 ޕަސެންޓް ހިއްސާ އޮވެގެން މަސް ބާނާ އުޅަނދުތަކެއް ކަމަށެވެ. އެހެން ކަމުން ހަގީގަތާ ހިލާފު ވާހަކަ މަސްވެރިކަމުގެ ދާއިރާއާ ގުޅުވައިގެން ނުދެއްކުމަށް ޝައިނީ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ޝައިނީ ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި މަސްވެރިކަން ކުރަން ހުއްދަ ދޭކަމަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ތުހުމަތުކުރައްވާފައިވާއިރު، އިބޫ ފަދަ ޒިންމާދާރު ފަރާތްތަކުން އެފަދަ ވާހަކަ ދެއްކުމުން އެކަމާ ގުޅިގެން ބޭރުގެ ޕްރެޝަރު އަންނަ ކަމަށެވެ.

ރާއްޖޭގެ ކަނޑުން ބާނާ މަސް ޕްރޮސެސްކުރާ ފަރާތްތަކާއި މަހުގެ އުފެއްދުންތައް ބޭރަށް ވިއްކާ ފަރާތްތައް ގުޅިގެން އުފައްދާފައިވާ މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަންގެ އިސް އޮފިޝަލުންނާއި މެންބަރުންނާވެސް އެކު ބޭއްވި މިއަދުގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވީ، ބޭރުން ގަނެފައިވާ މަސް ބޯޓުތަކަކަށް މިނިސްޓްރީން ލައިސެންސް ދޫކޮށްފައިވަނީ އާންމުކޮށް ދިވެހިންނަށް ކުރަން ނޭނގޭ ލޯންގް ލައިން، ނުވަތަ ލޯބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމަށް ކަމަށެވެ. އެއީ އޭގެ ސަބަބުން ދިވެހިންނަށް އާމްދަނީ އިތުރުވެ، ދިވެހި މަސްވެރިކަމުގެ ދާއިރާގެ އަގު ދުނިޔޭގެ ކުރިމަތީގައި މަތިވާން އެހީވެދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ބުނަމުންދާ ވާހަކައަކީ މިހާރުވެސް 48 ބޭރުގެ އުޅަނދަކަށް ހުއްދަ ދީގެން މަސްވެރިކަން ކުރެއޭ. އެ 48 ނިސްބަތްވަނީ މިތާ މިތިބަ ބޭފުޅުންގެ އަމިއްލަ މުދަލަށޭ. އެހެންވެގެން ބަލާނުލައި މިކަހަލަ ވާހަކަ ދެއްކީމަ ރާއްޖެ އިންޑިއާ ކަނޑުގައި އެތައް ބަޔަކާ ކޮމްޕީޓް ކޮށްގެން މިކަން ކުރާއިރު މިއަށް އަންނަ ލޮޅުމަކާއެކު ދިވެހި މަސްވެރިން ބާނާމަހުގެ އަގު ދަށްވެގެން ދާނެ. އެހެންވީމަ އެކަންތައްތައް ނުބަލާ އެހެންބުނީމަ، ބޭރުގެ ފަރާތްތަކުން ސުވާލު އެބަ އާދޭ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް މަސް ބާނަން ހުއްދަ ދޭތޯ،" ޝައިނީ ވިދާޅުވި އެވެ. "ބޭރުގެ އެއްވެސް ފަހަރަކަށް ލައިސެންސް ދީގެން މަސްވެރިކަން ނުކުރެވޭ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްފައި ގަވާއިދުތައް ހަދާފައިވަނީ ހަމައެކަނި މި ސަރުކާރުން،"

ޝައިނީ ވަނީ އިދިކޮޅު މެނިފެސްޓޯގައި މަސްވެރިކަމުގެ ދާއިރާއާ ގުޅިގެން ހިމަނާފައި ހުރި ބައެއް ވާހަކަތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އިދިކޮޅު މެނިފެސްޓޯގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ މުޅިން ހަލާކުވެގެން ގޮސްދާނެ ފަދަ ކަންކަން ހިމަނާފައިވާ ކަމަށެވެ.

" އެ ބޭފުޅުން މި ބުނަނީ، ބޭރުގައި އުޅޭ ދާއަޅާ ބޯޓުފަހަރު ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ވެއްދުމަށްފަހު ސީދާ މަސް ކިރޭގޮތް ހަދައިދޭނެ ކަމަށް. މިއީ ބައިނަލްއަގްވާމީ ގޮތުން ބަލާނަމަ ގިނަ ގައުމުތަކުގައި މަނާ ކަމެއް. އެކަން ހުއްޓާލައިގެން މިތިބީ އެކަން ނުކުރަން. އެހެން ހަދައިފި ކަމަށް ވަންޏާ ރާއްޖޭގެ މަސްވެރިންނަށް ބާނާ މަހުގެ އަގެއް ނުލިބޭނެ. ދެން މި ބުނަނީ ލަންކާއަށް ގޮސް މަސް ކިރޭ ގޮތް ހަދައިދޭނަމޭ. އަވައްޓެރި ގައުމުތަކުގެ ވަގު ބޯޓު ފަހަރު ރާއްޖޭގެ ސަރަހަށްދަށް ވަދެ ރާއްޖޭގެ މަސްކޮޅު ގެންދާ ވާހަކަ މިހާރުވެސް އަޑު އިވެނީ. އެކަމަކު މި ބުނަނީ ލަންކާއާ ހަމައަށް ގޮސް ލަންކާއިން މަސްކިރުވައިދޭނަމޭ. އެހެން ހެދީމާ ވިސްނާލައްވާ ކިތަށް ފީފާ އަންދައިގެންތޯ ލަންކާއާ ހަމައަށް ދެވެނީ. ލަންކާއަށް ގޮއްސަ ލަންކާގައި ހުރި އަގު ނޫން އަގެއް ދެވޭނެ ތޯ ނޫންތޯ، މަހުގެ އަގު ދާނީ މަށްޗަށް ތޯ ދަށަށްތޯ މަސްވެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވަނީ ޒިންމާދާރު ފަރާތެއްގެ ގޮތުގައި ހުރެ، ދިވެހިންނާއި ދިވެހި މަސްވެރިކަމުގެ ދާއިރާއަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ވާހަކަ ނުދެއްކެވުމަށް އިބޫއަށް އިލްތިމާސްކުރައްވާފަ އެވެ.